ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދަކީ ކޮންމެ ކަމެއްގައިވެސް ޕޮޒިޓިވްކޮށް ވިސްނަވާ ބޭފުޅެއް ކަމަށާއި އޭނާގެ ހަނދާންތައް އަބަދުވެސް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް, ހުސައިން ވަހީދު އަވަހާރަވީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހުސައިން ވަހީދު ވަނީ ބައްޔަށް ފަރުވާ ހޯއްދެއްވުމަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ވެސް ހޭދަކުރައްވައިފައެވެ.

ހުސައިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަޖިލީހުގެ ހަޔާތުގައި އެންމެ އުނދަގޫ އެއް ދުވަސްވަރަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2009 ވަނަ އަހަރު ކަމަށެވެ. މަޖިލީހުގައި މެޖޯރިޓީ ނެތި މަސައްކަތްކުރެއްވި އެ ދަތި ދުވަސްވަރުގައި ވިސްނުންތެރިކަމާއެކު ހުސައިން ވަހީދު ވަރަށް ރަނގަޅު ލަފާ ދެއްވި ކަމަށެވެ.

"އެ ހަނދާންތައް އަދިވެސް އަޅުގަނޑުގެ ހިތުގައި އެބަހުރި. އެއަށްފަހު 2012 ވަނަ އަހަރު އަޅުގަނޑުމެން މަގުމަތިވެ, އިދިކޮޅުގައި މަސައްކަތްކުރަމުން ދިޔަ އިރު, ވަރުބަލިކަމެއް ނެތި ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެން, އަޅުގަނޑުމެންނާ އެކީގައި އަޅުގަނޑުމެން މިކުރި މަސައްކަތުގައި ދާއިމަށް ދެމިހުންނެވި. އެއީ ހަނދާން ނެތޭނެ ދުވަސްތަކެއް ނޫން," ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުސައިން ވަހީދަކީ ސިޔާސީގޮތުން އޮތް ގުޅުމުގެ މާކުރިން ވެސް ގާތް ދެ ރަހުމަތްތެރިން ކަމަށާއި ގެއްލިގެން އެ ދިޔައީ ތެދުވެރި, ހެޔޮއެދޭ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އަދި ދުވަހަކުވެސް ހަނދާން ނުނެތޭ ފަދަ ކަންތައްތައް ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"އެ ހަނދާންތައް އަބަދަށް ދެމިގެންދާނެ. އަޅުގަނޑަށް ފެނުނު ގޮތުގައި ހުސައިން ވަހީދުގެ އެ ކުރު ހަޔާތުގައި ހޭދަކުރެއްވީ ވަރަށް އުފާވެރި ދުވަސްތަކެއް. ދިމާވާ ކޮންމެ ކަމެއްގައި ޕޮޒިޓިވްކޮށް ވިސްނަވައި, އަބަދުވެސް ހުންނަވަނީ ހިތްހަމަޖެހިވަޑައިގެން. ކިތަންމެ ބޮޑު އުނދަގުލެއް, ކިތަންމެ ބޮޑު ދައްޗެއް ކުރިމަތިވެގެންދާ ވަގުތުގައި ވެސް އެކަމުގެ ރަނގަޅު ގޮތް އޮންނާނެކަން ގަބޫލުކުރައްވައި, އަބަދުވެސް އަޅުގަނޑުމެންނާއެކު ހުންނެވި," އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ގެއްލިގެން އެދިޔައީ ހިދުމަތްތެރި ހާދިމެއް ކަމަށާއި އާއިލާއަށް ގެއްލިގެން އެދިޔައީ ލޯބިވާ އަހެއް ކަމަށެވެ. އަދި ހުސައިން ވަހީދަކީ ޑިމޮކްރަސީގެ ހަޔާތުގައި ކުރި ދަތުރުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފިތުނަވެރިކަމާއި ހަސަދަވެރިކަމާއި ބައިބައިވުން ފަދަ ނޭދެވޭ އަމަލުތަކަކީ ހުސައިން ވަހީދަށް އެންމެ ބީރައްޓެހި އަމަލުތައް ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ހުސައިން ވަހީދު ހެޔޮ ނަސޭހަތްތަކެއް ދެއްވި ކަމަށް ވެސް ވިދާޅުވިއެވެ.