ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު އިގުތިސޯދީ ގޮތުން މިހާރަށްވުރެ މާ ބޮޑަށް އަންހެނުން ބާރުވެރިކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި ވިމެން އިން މެނޭޖްމަންޓްގެ ޕްރޮފެޝަނަލް އެންޑް ކެރިއާ އެވޯޑުގައި ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. މިންތީގެ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖުތިމާއީ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވައުދެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑުގެ ވަބާ ކުރިމަތިވެ، އިގުތިސޯދު އަޑިއަޅާލައިގެން ދިޔައީ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ފެށި ވަގުތު ކަމަށެވެ. އޭގެ ސަބަބުން އެ ޕްލޭން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
އެހެންކަމުން އެ ޕްލޭންގެ ތެރެއިން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި ވަކި ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ލިސްޓުގައި ކުރުމަށް ކަނޑައަޅާފައިވާ އެއްކަމަކީ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުން ކަމަށާއި އެއީ ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީ ހަމަހަމަކަން ގާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެއް ކަމަށެވެ. ގައުމީ ފެންވަރުގައި ހިންގާ ކޮންމެ ހަރަކާތެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަކީވެސް މި ޕްލޭންގެ ވަރަށް މުހިންމު ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ އިގުތިސޯދީ ދާއިރާގައި ޒަމާނުއްސުރެ އަންހެނުން އަދާކުރަމުން އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރެވޭ ވަރުގެ މުހިންމު ދައުރެއް. ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އިގުތިސޯދީ ގޮތުން މިހާރަށްވުރެ މާބޮޑަށް އަންހެނުން ބާރުވެރިކުރެވޭނެ ކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި އަންހެނުންނަށް ލިބޭ ގެވެށި އަނިޔާތަކުން އެކަށީގެންވާ ރައްކާތެރިކަމެއް ލިބޭނެކަމަށްވެސް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މިންތީގެ ތަފާތުކުރުން ނެތް ކަމަށާއި ސިއްހީ ދާއިރާގައި މިންތީ ތަފާތުތައް ވަރަށް ބޮޑަށް ކުޑަކުރެވިއްޖެ ކަމަށެވެ.
ނަމަވެސް ސިޔާސީ އަދި އިގުތިސޯދީ ދާއިރާއިން ރާއްޖޭގައި މިންތީ ތަފާތުތައް އަދިވެސް ބޮޑު ކަމަށެވެ. މި ތަފާތު ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ފުރަތަމަ ދުވަހުން ފެށިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ބޭނުންވާ ކުރިއެރުން ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ ހިންގުމުގެ ދާއިރާގަ އާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަން ނިންމުމުގައި އަންހެނުން ބައިވެރިކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު