މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރަށްވުރެ، މިދިޔަ ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މަބްރޫކް ރޭ ވިދާޅުވީ، މި ސަރުކާރުގެ މަޝްރޫއުތައް ލަސްކަމަށް ބުނެވޭނެ ޖާގަ ނޯންނާނެ ކަމަށާއި އެގޮތުން މިހާތަނަށް 400 ވުރެ މަޝްރޫއު މި ސަރުކާރުން ނިންމާފައިވާ ކަމަށާއި 2،000 ވުރެ ގިނަ މަޝްރޫއު ފަށާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބޮޑެތި މަޝްރޫއުތައް ފަށާފައިވަނީ ހަތަރު ވަނަ އަހަރުގެ ތެރޭގައި ކަމަށާއި އެގޮތުން ކުރީ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު، ހިޔާ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ ވެސް ވެރިކަމަށް ހަތަރު އަހަރު ފަހުން ކަމަށެވެ.
"އަޅުގަނޑުމެން މިފަދަ ވާހަކަ ދެއްކީމާ ބުނަނީ ހިޔާ މަޝްރޫއު ބަލާށޭ، ވަރަށް ސްލޯއޭ، އެއްވެސް މަޝްރޫއެއް ނުފެށެއޭ. ހަނދާން ނެތިވަޑައިގެން އެބޭފުޅުން އުޅުއްވާ ކަމަކީ ހަތަރުވަނަ އަހަރުއޭ، އެވެރިކަމުގެ ހިޔާ ފްލެޓް އަޅަން ފެށުނީ. އަޅުގަނޑުމެންވިއްޔާ މިހާތަނަށް ގެދޮރުވެރިޔާ ލޯނު ޕްރޮގްރާމެއް ފަށްޓައިފިން. 1.5 ބިލިއަން ރުފިޔާގެ ހައުސިން ޕްރޮޖެކްޓް އެއޮތީ ރާއްޖޭގެ ރަށްރަށަށް ބަޖެޓް ފާސްކޮށްފައި، ނައިފަރުގައި 100 ޔުނިޓުގެ ޕްރޮޖެކްޓް ނިމިއްޖެ. އިތުރު ތިން ރަށެއްގައި 100 ޔުނިޓުގެ ޕްރޮޖެކްޓް ކުރިއަށް އެބަދޭ. އެޕޯލޯ ޕްރޮޖެކްޓް މާލެ ސަރަހައްދުގައި ކުރިއަށް އެބަދޭ" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރުގެ ކެމްޕޭން ޖަލްސާ ހިޔާ ފްލެޓްތައް ސަރަހައްދުގައި ބޭއްވި އިރުވެސް އެތަން ރަނގަޅަށް ރާނާ ވެސް ނުނިމޭ ކަމަށާއ އޭރުވެސް އެއީ ކޮންސްޓްރަކްޝަން ސައިޓެއް ކަމަށެވެ.
މި ސަރުކާރަށް މަޝްރޫއުތައް ނުހިންގޭ ވާހަކަ ދެއްކޭނެ ބަޔަކު ސަރުކާރާއި ވާދަވެރި ޕާޓީއެއްގައި ނުތިބޭނެކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، ކުރީ ސަރުކާރުގެ މަޝްރޫއުތައް ފެށްޓެވީ މި ސަރުކާރަށް ވުރެ މާ ލަހުން ކަމަށެވެ.
"އެބޭފުޅުންގެ ޕްރޮކެޓްތައް ފެށްޓެވީ މި ސަރުކާރުން މިދާ ސްޕީޑަށް ވުރެ މާ ލަހުން" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ތިލަމާލެ ބުރިޖުގެ ސްޓްރަކްޗާތައް ފެންނަން ފަށާނެ ކަމަށާއި ހައުސިންގެ އެހެން މަޝްރޫއުތަކުގެ އަމަލީ މަސައްކަތްވެސް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ސަރުކާރުގެ މަޝްރޫއުތައް ލަސްކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް އިދިކޮޅު ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުވިދާޅުވެ، ސަރުކާރުން މަސައްކަތް ކުރަނީ ފަހަތު ފަޔަށް ބުރަވެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކާނިވާ ސަރަހައްދުގައި މިމަހުގެ ތިންވަނަ ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ، މި ސަރުކާރުން ކުރާ ކަމަކީ ކާޅު ހާލި ހެދީމަ ކޮވެލި ބިސް އެޅުން ކަމަށާއި މިހާރު ކުރާ ކަމަކީ ރިބަން ފަށް ކެނޑުން ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު