ލައިފް ސްޓައިލް

ބްރެޒިލްގައި ރާމާ މަކުނުތަކަށް ހާއްސަ ބުރިޖެއް

ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯ ގައި ހައިވޭ މަތިން މަގު ހުރަސްކުރެވޭ ގޮތަށް ރާމާ މަކުނުތަކަށް ހާއްސަ ބުރިޖެއް ހަދައިފިއެވެ.

ބްރެޒިލް އަށް އަންނަ އުމްރާނީ ތަރައްގީގެ ސަބަބުން ޖަންގަލިތަކުގައި ދިރިއުޅޭ ރާމާ މަކުނުގެ ހާއްސަ ވައްތަރެއް ކަމަށްވާ ގޯލްޑަން ލަޔަން ޓަމަރިންގެ އާބާދީ ވަނީ މަދުވާން ފަށައިފައެވެ. މިވައްތަރުގެ ރާމާ މަކުނަކީ މުޅި ދުނިޔޭގައިބެސް ރިއޯ ޑި ޖެނީރޯގެ އެޓްލާންޓިކް ޖަންގަލިތަކުގައި ދިރިއުޅެމުން އަންނަ ބާވަތުގެ ޖަނަވާރުތަކެކެވެ.

ގޯލްޑަން ލަޔަން ޓެމެރިންގެ އާބާދީ މަދުވަމުން ދިއުމާ ގުޅިގެން އާލާކޮށް ދިރުވުމުގެ މަސައްކަތްތައް ފާއިތުވި އަހަރުތަކުގައި ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ކޮންމެވެސް ވަރަކަށް ވަނީ ދެމެހެއްޓިފައެވެ. ނަމަވެސް 2018 ވަނަ އަހަރު ފެތުރުނު ޔެލޯ ފީވާ ބަލިމަޑުކަމުގައި އެސޮރުމެންގެ އާބާދީގެ 32 ޕަސެންޓް ވަނީ ނެތިގެން ގޮސްފައިކަމަށް ރޮއިޓާސް އިން އެކުލަވައިލި ރިޕޯޓެއްގައި ބުނެއެވެ. މިވަގުތު ދުނިޔޭގައި ތިބި ކަމަށް ރެކޯޑުކުރެވިފައިވަނީ މިބާވަތުގެ 2500 ރާމާމަކުނު ކަމަށް ވެއެވެ.

ބްރެޒިލުގައި މި ފަހަކަށް އައިސް ތަރައްގީކުރަމުން އަންނަ ހައިވޭ ތަކުގެ ސަބަބުންވެސް ގޯލްޑަން ލަޔަން ޓެމެރިންގެ އާބާދީ ނެތި ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެއީ އޭގެން ފިނަ ހައިވޭތަކެއް ހެދެމުން އަންނަނީ މި ރާމާމަކުނުތައް ދިރިއުޅޭ ސަރަހއްދުތަކުގެ ތެރެއިން ޖަންގަލީގެ ގަސްތައް ކޮށައިގެން ކަމަށް ވާތީ އެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ރިއޯ ޑީ ޖެނީރޯގައި ވަނީ މި ބުރިޖު އެސޮރުމެންނަށް ހާއްސަކުރެވިގެން ފަރުމާކޮށްފައެވެ.

ގޯލްޑަން ލަޔަން ޓަމަރިން ރާމާ މަކުނުގެ އާބާދީ ދެމެހެއްޓުމަށް އެގައުމުގައި ކޮންޒަވޭޝަން ގުރޫޕުތަކުން މަސައްކަތްކުރަމުން އަންނައިރު %95 ޖަންގަލީގެ ދިރުން ގެއްލުމުގެ ސަބަބުން އެސޮރުމެންގެ އާބާދީ ނެތިގޮސްފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މެޓާޕޮޕިއުލޭޝަން ޕްރޮޖެކްޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ލުއީ ޕައޯލޯ މާކަސް ފެރާޒް ބުނިގޮތުގައި މި ބުރިޖަކީ ކޮންޒަވޭން ޕްރޮގުރާމުގެ ދަށުން ކުރަމުން އަންނަ މަސައްކަތަށް މުހިއްމު ކަމެކެވެ. އޭނާ ފާހަގަކުރި ގޮތުގައި ޖަންގަލީގައި ދިރިއުޅޭ 2000 ގޯލްޑަން ލަޔަން ޓަމަރިން އަށް މަދުވެގެން 25000 ހެކްޓަރުގެ ޖަންގަލީގެ ސަރަހައްދެއް އޭގެ އާބާދީ ދެމެހެއްޓުމަށް ބޭނުންވެއެވެ.