ޝްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސާ، އެއް ހަފުތާގެ މުއްދަތަށް މަޖިލިސް ސަސްޕެންޑު ކުރައްވައި ސިންގަޕޫރަށް ވަޑައިގެންފިއެވެ.

މަޖިލިސް ސަސްޕެންޑު ކުރައްވަން ރައީސް ގޮޓަބަޔާ ނިންމެވި ސަބަބު ލަންކާގެ ސަރުކާރުން ހާމަކުރައްވައިފައެއް ނުވެއެވެ. ސަރުކާރުން މިހާތަނަށް ބުނެފައިވަނީ ރައީސްގެ ދަތުރުފުޅަކީ ކުރިއާލައި ރޭވިފައިވާ ދަތުރުފުޅެއް ނޫން ކަމަށާއި ބެލެވޭގޮތުގައި މިއީ ސިއްހީ ފަރުވާ ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ މިއަހަރުގެ އެންމެފަހުގެ ޖަލްސާ މިދިޔަ ހުކުރު ދުވަހު ބޭއްވުމަށްފަހު ދެން މަޖިލިސް ފެށުމަށް މީގެ ކުރިން ތާވަލުކުރެވިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ. ނަމަވެސް ލަންކާގެ ރައީސް ކުއްލިގޮތަކަށް ނިންމެވި މި ނިންމެވުމާއެކު މަޖިލިސް ޖަލްސާއެއް ދެން ބޭއްވުމަށް ކަނޑައެޅިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގައެވެ.

ރާޖަޕަކްސާ ގެޒެޓުގައި ޝާއިއުކޮށް ނެރުނު އަމުރުގައި ވަނީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން މަޖިލިސް ހުއްޓުމަކަށް ގެނެވިފައިވާ ކަމަށާއި ދެން އިތުރު ޖަލްސާއެއް ޖެނުއަރީ 18 ވަނަ ދުވަހުގެ ހެނދުނު 10.00ގައި ބާއްވަން ތާވަލުކުރެވިފައިވާކަން އިއުލާނުކޮށްފައެވެ.

އުމުރުފުޅުން 72 އަހަރުގެ ރާޖަޕަކްސަ ވަނީ މި އެންގުން ގެޒެޓުގައި ޝާއިއުކުރިތާ ގިނަ އިރުތަކެއް ނުވަނީސް އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ.