މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކާ ގުޅިގެން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންތަކެއްގެ ބަޔާން ނެގުމަށް އެ ކޮމިޝަނާއި ފުލުހުންގެ ޓީމެއް އެގައުމަށް ދާން ނިންމައިފިއެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މަރު ކޮމިޝަނާއި ފުލުހުން ހިމެނޭ ޓީމެއް މެލޭޝިޔާއަށް ދާނީ އަންނަ ބުދަ ދުވަހުއެވެ. ނަަމަވެސް އެ ޓީމުން އެގައުމަށް ދަނީ ކޮން މައްސަލައެއްގެ ތަހުގީގާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
މިކަމާ ގުޅިގެން މަރު ކޮމިޝަނުން "ވަން" އަށް ބުނީ، ދަތުރާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
މަރު ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިޔާއަށް ދާން ނިންމާފައިވާއިރު، އެ ކޮމިޝަނުން ބަލަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލަ އާއި ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެއެވެ.
ގެއްލުވާލައިފައިވާ މީހުންނާއި ހަގީގަތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
މަރު ކޮމިޝަން އެކުލަވާލައިފައިވަނީ 1 ޖެނުއަރީ 2012 އިން 17 ނޮވެމްބަރު 2018ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު