ޓެކްސީއެއްގެ ޑިކީ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި، ފުލުހުން އަތުލައިގެންފިއެވެ.
މަސްތުވާތަކެތި އަތުލައިގެންފައިވަނީ މާފަތްތަކުރުފާނުމަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން މިރޭ ހުއްޓުވި ޓެކްސީއަކުންނެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ ބުނީ، އެ ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ކާރުގެ ޑިކީ ތެރެއިން ބޮޑު ފޮއްޓެއް ފުލުހުން ނެގި ކަމަށެވެ. އަދި އެ ފޮށީގެ ތެރެއިން ބައެއް ތަކެތި ފުލުހުން ނެގި ކަމަށްވެސް ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ ފޮށީގެ ތެރެއިން ފުލުހުން ވަނީ ކޮކެއިން ބަންދުކޮށްފައި ހުރި 23 އަށްވުރެ ގިނަ ރަބަރު ކޮތަޅު ހޯދައިފައެވެ. ބަރުދަނުގައި 30 ކިލޯ ހުރި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 30 މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް މާލޭގައި ކުރިއަށްދާ ކަމަށާއި އިތުރު ތަފްސީލުތައް ފަހުން ދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު