ބ. އޭދަފުށީގެ ކޮވިޑުގެ ހާލަތު ގޯސްވެ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލް މެނޭޖަރު މުހައްމަދު ރަޝީދު މިއަދު "ވަން" އަށް ވިދާޅުވީ އެރަށުގައި އެކްޓިވް ކޭސްތައް 60 އިން މަތިވާނެ ކަމަށެވެ. އަދި ގިނައީ ޑައިރެކްޓް ކޮންޓެކްޓުން ކަމަށްވެސް ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ރެންޑަމްކޮށް ނަގާ ސާމްޕަލްތަކާއި ބަލީގެ އަލާމާތްތައް ފެނިގެން ފުލޫ ކުލިނިކަށް ދައްކާ މީހުންގެ ސާމްޕަލްތައްވެސް ޕޮޒިޓިވްވާ ކަމަށެވެ.

"ހަގީގަތުގައި ބުނާ ކަމަށް ވަންޏާ މިހާރު ކުރިއާ ހިލާފަށް ގެއަކުން އެކަކު ކޮވިޑަށް ޕޮޒިޓިވްވިޔަސް އެގޭ އެންމެން އެބަ ޕޮޒިޓިވްވޭ. އެހެންވެ ޑައިރެކްޓް ކޮންޓެކްޓުން ޕޮޒިޓިވްވާ ރޭޓު މަތިވަނީ. ދެން ރެންޑަމްކޮށް ނަގާ ސާމްޕަލްތައްވެސް އެބަ ޕޮޒިޓިވްވޭ،" އޭނާ ވިދާޅުވިއެވެ.

އޭދަފުށީގެ ކޮވިޑުގެ ހާލަތު ގޯސްވެ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެރަށުގައި ބޭރަށް ނުކުތުން ވަކި ގަޑިތަކެއްގައި މަނާކުރިއެވެ. އަދި ބައެއް ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްވެސް އެންގިއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުންވެސް ވަނީ އޮންލައިންކޮށް ބަދަލުކޮށްފައެވެ.

އޭދަފުށީގެ ހާލަތު ގޯސްވެފައިވީ ނަމަވެސް އެރަށް މީގެ ކުރިން މޮނީޓަރިންއަށް ލާފައި ނުވާތީ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއެވެ.

އެކަމާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އޮފިޝަލަކަ "ވަން" އިން ރޭ ސުވާލުކުރުމުން ވިދާޅުވީ، ރަށެއް މޮނީޓަރިންއަށް ލާނީ ކޭސް ނަންބަރަށްވުރެ، އަލާމާތް ފެނިގެންނާއި ރެންޑަމްކޮށް ނަގައި ސާމްޕަލްތަކާ އެހެނިހެން ކަންކަމަށް ބަލާފައި ކަމަށެވެ.

މިއަދު ކުއްލި ގޮތަކަށް އެރަށް މޮނިޓަރިންއަށް ލާފައި ވަނީ ކީއްވެތޯ ހޮސްޕިޓަލް މެނޭޖަރު މުހައްމަދާ ސުވާލު ކުރުމުން ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އެރަށު ހޮސްޕިޓަލުގައި ކުޑަކުދިންގެ ޑޮކްޓަރު ޕޮޒިޓިވް ވެފައިވާތީ ކަމަށް ވެދާނެ ކަމަށެވެ.

އޭނަ ވިދާޅުވީ ޑޮކްޓަރު ޕޮޒިޓިވްވެފައި ވަނީ ޗުއްޓީއަށް އޭނާގެ ގައުމަށް ދިއުމަށް ފުރަން ތައްޔާރުވުމަށް ނެގި ސާމްޕަލަކުން ކަމަށެވެ. އެ ޑޮކްޓަރާ ބަލި މީހުން ދިމާވެފައިވީ ނަމަވެސް، މާ ބޮޑު ނުރައްކަލެއް ނެތް ކަމަށް މުހައްމަދު ވިދާޅުވިއެވެ.

އޭދަފުށި މިއަދު މޮނިޓަރިންއަށް ލާފައިވާ އިރު، އެރަށުގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު ވަނީ މަރުވެފައެވެ.