ފަހެއް ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގަން ޖެހުނު ސަބަބު އޭރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާމަކުރައްވައިފިއެވެ.

"ކޮތަރުކޮށީ"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 2018ގެ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޝަރުއީ ނިޒާމުގެ ތެރެއިން ގެންނަން އުޅުނު ބަގާވާތެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި އަމުރެއް ނެރުމުން އިންޑިއާ ފިޔަވައި އަވަށްޓެރި އެއްވެސް ގައުމަކުން ކަންބޮޑުނުވާ ކަމަށާއި އެއީ ރާއްޖޭގެ ދާހިލީ ކަމަކަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނަމަވެސް އިންޑިއާއިން އަޅުގަނޑުމެންނަށް ތިން ފަހަރު ސިޓީ ފޮނުވި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރެވިގެން ތިއުޅޭ ސަބަބެއް ތިމަންނަމެންނަކަށް ސާފެއް ނުވެއޭ ކިޔާފައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެކެއް ފެބްރުއަރީގެ އަމުރު ނެރުނީ، ކޮރަޕްޝަންގެ ތުހުމަތުވާ ދެ ފަނޑިޔާރުން ހުންނަވާ ބެންޗަކުން ކަމަށެވެ. އެގޮތުން، އޭރު އުއްތަމަ ފަނޑިރަކަށް ހުންނެވި އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހުޅުމާލެއާއި ސިންގަޕޫރުން އެޕާޓްމަންޓުތަކެއް ގަނެފައިވާ ކަމަށާއި އެކަމަށް ފަންޑުކުރީ މަހުޖަނެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ފަހެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގަން ޖެހުނީ، ކޮރަޕްޝަންގެ ތުހުމަތުވާ ފަނޑިޔާރުން ހައްޔަރުކުރެވޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން އެކަނި ކަމަށްވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ސުޕްރީމް ކޯޓުން އޭރު ފާސްކުރި ގަވައިދެއް އޮންނަ ގޮތުން ކަމަށް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރު ނުކުރެވޭނެ ގޮތަށް ނިންމީ ސުޕްރީމް ކޯޓުގެ ބެންޗަކުން ފާސްކޮށްގެން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުރާޅުން ޓިނު ނަގަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެކުލަވާލި ގަވައިދު ހިމެނޭ މާއްދާ އުވާލުމަށް ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ނޫނިއްޔާ ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވޭނެ ގޮތެއް ނޯވޭ. ގާނޫނު އަސާސީ ހުއްދަދޭ ހާލަތާ ގުޅޭގޮތުން އުސޫލުން ބޭރުން ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތައް ސަސްޕެންޑް ކުރުމުގެ ބާރު ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ހައްގެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ފަހެއް ފެބްރުއަރީގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހިމެނޭހެން ބައެއް ފަރާތްތައް ހައްޔަރުކުރިއެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރީ 2018ގެ ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭރު ޖަލަށްލާފައި ތިބި ހުރިހާ ސިޔާސީ އިސްވެރިންތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.