މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބްލްސް އިވެންޓުގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ އަހުމަދުގެ ޕެއާ ހޯދައިފިއެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ފަޔާޒާއި ދީނާގެ ޕެއާ ހޯދީ އިއްޔެ ކުޅުނު އެ އިވެންޓުގެ ފައިނަލު މެޗު ކާމިޔާބުކޮށްގެންނެވެ. ދީނާއަކީ އަންހެން ޑިވިޝަންގެ ވެސް ޗެމްޕިއަނެވެ.
ފައިނަލުގައި އަލީ ފަޔާޒާއި ދީނާގެ ޕެއާ ނުކުތީ މުހައްމަދު ޝަރީފާއި ފަޒްނާ މޫސާގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން އަލީ ފަޔާޒާއި ދީނާގެ ޕެއާ މޮޅުވީ 7-4 ފްރޭމުންނެވެ.
އެ މުބާރާތުގެ އެންމެ ބޮޑު އިވެންޓް، ޓީމު އިވެންޓުގެ މެޗުތައް ވެސް އިއްޔެ ފެށިގެންދިޔައެވެ. ރޭގެ މެޗުގައި ކްލަބު އީގަލްސް އިން ވަނީ 4-1 ގޭމުން ދިވެހި ސިފައިންގެ ކްލަބު ބަލިކޮށްފައެވެ. އަދި އަނެއް މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ވަނީ 3-2 ގޭމުން ބީޖީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަން ކުރިއަށްދާނީ 32 ކުޅުންތެރިން ހިމެނޭ ގޮތަށް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ.
ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައި ނުވާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.
ޑަބަލްސް އިވެންޓު ކުރިއަށްދާނީ އަންހެން ފިރިހެން އެއްކޮށް، 10 ބޯލްސް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.
ޑަބަލްސް އިވެންޓުގައި ބައިވެރިވުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާލައިފައެވެ. ނޭޝަނަލް ފިރިހެން ރޭންކިންގެ ގަދަ 32 ގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ޕެއާއެއް ނުހެދޭނެއެވެ. ނަމަވެސް އެ އިވެންޓުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް ބައިވެރިވެވޭނެއެވެ.
މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓު ކުރިއަށްދާނީ މުބާރާތުގައި ބައިވެރިވާ ހުރިހާ މިކްސް ޑަބަލްސް ޕެއާތައް ހިމެނޭގޮތަށް 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.
މުބާރާތުގެ އެންމެ ބޮޑު އިވެންޓަކީ ޓީމު އިވެންޓެވެ. ކްލަބުތަކުގެ މެދުގައި ކުރިއަށްދާ އެ އިވެންޓުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ކްލަބު ޖަމިއްޔާތަކަށެވެ. ކޮންމެ ކްލަބު ޖަމިއްޔާއަކަށް ވެސް ބައިވެރިކުރެވޭނީ އެއް ޓީމެވެ.
އެ އިވެންޓުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުގައި މަދުވެގެން ދިހަ ކުޅުންތެރިން އަދި ގިނަވެގެން 12 ކުޅުންތެރިން ހިމެނޭނެއެވެ. ނަމަވެސް ޓީމުގައި ހިމެނޭނީ ނޭޝަނަލް ބިލިއާޑް ރޭންކިންގެ އެއްވަނައާއި އަށްވަނައާ ދެމެދުގެ ދެ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގެ އެއް ކުޅުންތެރިޔަކު ވެސް ހިމެނޭނެއެވެ. ޓީމުތަކުގައި ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތް އިރު، ވަކި އަދަދަކަށް ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުން މަޖުބޫރެއް ނޫނެވެ.
ޓީމު އިވެންޓުގެ މެޗުތައް ކުޅެވޭނީ ފަސް މޭޒުން މަދުވެގެން ތިން މޭޒުން މޮޅުވާ ޓީމެއް އެ މެޗަކުން މޮޅުވާ ގޮތަށެވެ. އެ މެޗުތަކުގައި ސިންގަލްސް ދެ މެޗާއި ޑަބަލްސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އިވެންޓުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 ބޯލްސްއެވެ. އެ އިވެންޓުގެ ފުރަތަމަ ބުރުން ފައިނަލާ ހަމައަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.
އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން ވަނީ އިއުލާނުކޮށްފައެވެ.
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް