ސަރުކާރުގެ މަސް ކުންފުނީ މިފްކޯ އަށް ބޮޑު ކަންނެލި ނުކިރާތީ، އެ ކަމުގެ ޝަކުވާތައް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެ މަސްވެރީން މިއަދު އޮއްސާލައިފި އެވެ.
ރާއްޖޭގައި ފާހަގަކުރާ މަސްވެރީންގެ ދުވަހާ ދިމާކޮށް، ބޮޑުކަންނެލީގެ މަސްވެރީން އަންނަނީ ކަނޑުމަތީގެ އިހުތިޖާޖެއް ކުރަމުންނެވެ. މަސްވެރީންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް ޝަރަފުވެރިކޮށްދެއްވުމަށް ކ. ގާފަރަށް ވަޑައިގެންނެވި މަގުމަތީގައި ރައީސް ސޯލިހު ވަނީ ބޮޑު ކަންނެލީ މަސްވެރީންގެ އިހުތިޖާޖު ކުރިޔަށްދާ ސަރަހައްދަށް ވަޑައިގެން އޮޑިޔަށް އަރައިވަޑައިގެންފައެވެ.
ބޮޑުކަންނެލި މަސްވެރިން މިއަދު ކަނޑުމަތީގައި ކުރިއަށް ގެންދާ މުޒާހަރާގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ މިހާތަނަށް ބޮޑު ކަންނެލީގެ މަސައްކަތް ކުރަމުން އައީ އާންމު ވިޔަފާރިތަކުން ކަމަށާއި އެމަސައްކަތް ފެށީވެސް އާންމު ވިޔަފާރިވެރިންގެ މަސައްކަތުން ކަމަށެވެ.
މިހާތަނަށް ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތަކީ ޕްރައިވެޓް ސެކްޓާއަށް ބޮޑު ކަންނެލީގެ މަސްވެރިކަން ދޫކޮށްލައި، ސަރުކާރުން އެކަން ކުރުމަށް ޓަކައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"އެހެން ނަމަވެސް މިއަދުގެ ހުށަހެޅުމެއްގައި އައީ ބޮޑު ކަންނެލި ގަނެ ވިއްކުމަށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް. އޭގެ އެއް ސަބަބެއް ކަމަށް އަޅުގަނޑަސް ގަބޫލު ކުރެވެނީ ތިބޭފުޅުންގެ ބޭނުމަކީ ހަމަ އަގުގައި ނުވިކުމުގެ މައްސަލަ. " ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ހައްލު ކުރުމަށް ކުރެވެން އޮތީ ކޮން ކަމެއްތޯ ބައްލަވައި އެކަން މިހާރުއްސުރެ ކުރައްވާން ފައްޓަވާނެ ކަމަށެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިހާރު ގަންނަނީ ހަމައެކަނި ކަލުބިލަމަހެވެ. ފާއިތުވި އަހަރު ތަކުގެ ތެރޭގައި ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފަ އެވެ. އެހެން ނަމަވެސް ބޮޑުކަންނެލީގެ މަސްވެރިކަމުގެ ކޮންޓްރޯލް އޮތީ އަމިއްލަ ފަރާތްތަކުގެ އަތްމަތީގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު