ގއ. ކޮނޑޭ ސްކޫލުގައި އިންޑިއާ ޓީޗަރަކު އިސްލާމް ފޮތް ބިންމައްޗަށް އެއްލައިލި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.
"ވަން" އަށް މައުލޫމާތުދެމުން ކޮނޑޭ ސްކޫލުގެ ބެލެނިވެރިޔަކު ބުނީ، އިސްލާމް ފޮތް ބިންމައްޗަށް އެއްލާލައިފައިވަނީ އެރަށު ސްކޫލުގެ ގްރޭޑް ފަހަކާއި ހަތަރަކަށް ކިޔަވައިދޭ އިނގިރޭސި ޓީޗަރު ކަމަށެވެ. އެ ޓީޗަރަކީ އިންޑިއާގެ ފިރިހެން ޓީޗަރެއް ކަމަށް އޭނާ ބުންޏެވެ.
"މިވީ ގޮތަކީ އެދުވަހު ބައެއް ދަރިވަރުން ނުގެނޭ އިނގިރޭސި ފޮތެއް. އެހެންވެ އެކަމާ ޓީޗަރު ރުޅި އައިސްގެން އިސްލާމް ފޮތް ބިންމައްޗަށް އެއްލާލީ މިއީ ނަރަކަ ފޮތެކޭ ކިޔާފައި،" ބެލެނިވެރިޔާ ބުންޏެވެ.
އެ ވާހަކަތައް ދޮގުކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އަހުމަދު އަލީ "ވަން" އަށް މިރޭ ވިދާޅުވީ، ޓީޗަރު އިސްލާމް ފޮތް އެއްލައިލި ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން އެނގުނީ އިސްލާމް ފޮތް ހިމެނޭހެން ބައިވަރު ފޮތްތަކެއް ޓީޗަރުގެ އަތުން މޭޒު މައްޗަށް ވެއްޓުންކަން. އެއްލައިލީއެއް ނޫން،" އަހުމަދު އަލީ ވިދާޅުވިއެވެ.
އަހުމަދު އަލީ ވަނީ ކޮނޑޭ ސްކޫލުގެ ބިދޭސީ އެހެން ޓީޗަރަކު އެ ގްރޭޑުތަކުގެ ކުދިންނަށް ކްރިސްމަސް ގަސް ހަދާނެ ގޮތް ކިޔައިދީފައިވާ ވާހަކަވެސް ދޮގުކޮށްފައެވެ.
"ޓީޗަރު ކިޔައިދިނީ ބެނިޔަން ޓްރީ ހަދާނެ ގޮތް. ދަރިވަރުން އަމިއްލައަށް އެ ހަދާފައިވެސް އެވަނީ،" އަހުމަދު އަލީ ވިދާޅުވިއެވެ.
އަހުމަދު އަލީ އިތުރަށް ވިދާޅުވީ، ކޮނޑޭ ސްކޫލުގައި ހިނގައިދިޔަ ކަންކަން އަދިވެސް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު