މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް އަދި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އައްބާސް ސައީދު ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ އިތުރުން އަންހެން ޑިވިޝަންގެ ފައިނަލު މެޗު ރޭ ވަނީ ކުޅެފައެވެ.

ފައިނަލް މެޗުތަކުގެ ކުރިން އިއްޔެ ހަވީރު ވަނީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތައް ކުޅެފައެވެ. ފުރަތަމަ ޑިވިޝަންގެ ސެމީގައި އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު އަތުން 6-9 ފްރޭމުން ކުރި ހޯދައިގެން ފައިނަލުގެ ފަހު ޖާގަ ހޯދީ ރޭންކިންގެ ދެވަނައިގައި އޮތް ފަޔާޒެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަންގެ ސެމީގައި އިބްރާހިމް ރަޝީދު އަތުން 7-4 ފްރޭމުން ކުރި ހޯދައި، އެ ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ހޯދީ އައްބާހެވެ.

ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ފަޔާޒް ހޯދީ ފައިނަލުގައި ރޭންކިންގެ ހަވަނަގައިގައި އޮތް މުހައްމަދު ޝާހިލް ހަމީދު އަތުން 11-7 ފްރޭމުން މޮޅުވެގެންނެވެ. އެ ޑިވިޝަންގެ ތިންވަނަ ހޯދީ ޝާޒެވެ. އަދި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އައްބާސް ހޯދީ ފައިނަލުގައި އަލީ ޝާވިން އަތުން 7-11 ފްރޭމުން ކުރި ހޯދައިގެންނެވެ. އެ ޑިވިޝަންގެ ތިންވަނަ ހޯދީ އިބްރާހިމް ރަޝީދެވެ.

ރޭ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރީ އަންހެނުންގެ ރޭންކިންގެ ދެވަނައިގައި އޮތް ދީނާ އަހުމަދާއި ހަތަރުވަނައިގައި އޮތް އާމިނަތު އަޒްރާއެވެ. އެ މެޗު 7-4 ފްރޭމުން ކާމިޔާބުކޮށް، އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދީނާއެވެ. އަންހެން ޑިވިޝަންގެ ތިންވަނަ ހޯދީ މަރިޔަމް ހުދުނާއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަން ކުރިއަށްދާނީ 32 ކުޅުންތެރިން ހިމެނޭ ގޮތަށް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ.

ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައި ނުވާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.

ޑަބަލްސް އިވެންޓު ކުރިއަށްދާނީ އަންހެން ފިރިހެން އެއްކޮށް، 10 ބޯލްސް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.

ޑަބަލްސް އިވެންޓުގައި ބައިވެރިވުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާލައިފައެވެ. ނޭޝަނަލް ފިރިހެން ރޭންކިންގެ ގަދަ 32 ގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ޕެއާއެއް ނުހެދޭނެއެވެ. ނަމަވެސް އެ އިވެންޓުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް ބައިވެރިވެވޭނެއެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓު ކުރިއަށްދާނީ މުބާރާތުގައި ބައިވެރިވާ ހުރިހާ މިކްސް ޑަބަލްސް ޕެއާތައް ހިމެނޭގޮތަށް 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.

މުބާރާތުގެ އެންމެ ބޮޑު އިވެންޓަކީ ޓީމު އިވެންޓެވެ. ކްލަބުތަކުގެ މެދުގައި ކުރިއަށްދާ އެ އިވެންޓުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ކްލަބު ޖަމިއްޔާތަކަށެވެ. ކޮންމެ ކްލަބު ޖަމިއްޔާއަކަށް ވެސް ބައިވެރިކުރެވޭނީ އެއް ޓީމެވެ.

އެ އިވެންޓުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުގައި މަދުވެގެން ދިހަ ކުޅުންތެރިން އަދި ގިނަވެގެން 12 ކުޅުންތެރިން ހިމެނޭނެއެވެ. ނަމަވެސް ޓީމުގައި ހިމެނޭނީ ނޭޝަނަލް ބިލިއާޑް ރޭންކިންގެ އެއްވަނައާއި އަށްވަނައާ ދެމެދުގެ ދެ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގެ އެއް ކުޅުންތެރިޔަކު ވެސް ހިމެނޭނެއެވެ. ޓީމުތަކުގައި ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތް އިރު، ވަކި އަދަދަކަށް ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުން މަޖުބޫރެއް ނޫނެވެ.

ޓީމު އިވެންޓުގެ މެޗުތައް ކުޅެވޭނީ ފަސް މޭޒުން މަދުވެގެން ތިން މޭޒުން މޮޅުވާ ޓީމެއް އެ މެޗަކުން މޮޅުވާ ގޮތަށެވެ. އެ މެޗުތަކުގައި ސިންގަލްސް ދެ މެޗާއި ޑަބަލްސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އިވެންޓުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 ބޯލްސްއެވެ. އެ އިވެންޓުގެ ފުރަތަމަ ބުރުން ފައިނަލާ ހަމައަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން ވަނީ އިއުލާނުކޮށްފައެވެ.