ރ. ކިނޮޅަހުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ކިނޮޅަހުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ 71 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތާއި 7.80 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި އަދި ބޯހޯލު ތޮރުފުމުގެ މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް ފެން ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރު އޯ ޕްލާންޓް ބެހެއްޓުމާއި އަދި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތްތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 6.49 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި ޕަންޕިން ލައިން އެޅުމާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތާއި ސީ އައުޓްފޯލް ގާއިމުކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ފެންކުންފުންޏާ ހަވާލުކޮށްފައިވަނީ 36.5 މިލިއަން ރުފިޔާ އަށެވެ.