ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މިއަދު ބުނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ (މާލެ، ހުޅުމާލެ އަދި ވިލިމާލެ) އިން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މަހުގެ 12 އިން ފެށިގެން 30ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 12:30 އަށް އެ މިނިސްޓްރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އޭގެ އިތުރުން އެކަމަށް ހާއްސަކޮށް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން އެ ފޯމަތައް ބަލައިގަންނަން ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، 2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކަކީ މިވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.