މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

ގައުމީ ބިލިއާޑް މުބާރާތުގެ ތިން ޑިވިޝަނެއްގެ ފައިނަލް މިރޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ތިން ޑިވިޝަނެއްގެ ފައިނަލް މިރޭ ކުޅުމަށް ތާވަލުކޮށްފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގައި މިރެއަށް ތާވަލުކޮށްފައިވަނީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގެ ފައިނަލެވެ.

މުބާރާތުގައި މިއަދު ހަވީރު 4:30ގައި ދެ މެޗެއް ކުޅޭނެއެވެ. އެއީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތަކެވެ. ފުރަތަމަ ޑިވިޝަންގެ ސެމީގައި އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާއި ދެވަނައިގައި އޮތް ހުސައިން ފަޔާޒް ވާދަކުރާ އިރު، ދެވަނަ ޑިވިޝަންގެ ސެމީގައި ވާދަކުރާނީ އިބްރާހިމް ރަޝީދާއި އައްބާސް ސައީދެވެ.

ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވާ ކުޅުންތެރިންނަށް ފައިނަލުގެ ފަހު ޖާގަތައް ކަށަވަރުވާނެއެވެ. މިހާތަނަށް ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ފައިނަލުގެ އެއް ޖާގަ ވަނީ ކަށަވަރުވެފައެވެ. ފުރަތަމަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭންކިންގެ ހަވަނައިގައި އޮތް މުހައްމަދު ޝާހިލް ހަމީދު ހޯދާފައިވާ އިރު، ދެވަނަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ އަލީ ޝާވިން އެވެ. މިއީ ފައިނަލެއްގައި ޝާހިލް ވާދަކުރާ ފުރަތަމަ ފަހަރެވެ.

ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ފައިނަލާއެކު މިރޭ 8:45 ގައި އަންހެން ޑިވިޝަންގެ ފައިނަލު ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ އަންހެނުންގެ ރޭންކިންގެ ދެވަނައިގައި އޮތް ދީނާ އަހުމަދާއި ހަތަރުވަނައިގައި އޮތް އާމިނަތު އަޒްރާ އެވެ.

މުބާރާތުގައި ރޭ ވަނީ ޑަބަލްސް އިވެންޓުގެ މެޗުތައް ފަށައިފައެވެ. އެ އިވެންޓުގެ 25 މެޗެއް ރޭ ކުޅެވުނު އިރު، ހަސަން ޝާޒް މުހައްމަދާއި އިބްރާހިމް ހުޖާން ވަނީ އެ ޕެއާ ކުޅުނު މެޗުން މޮޅުވެފައެވެ. ޔޫސުޕް ޒުބައިރާއި މުހައްމަދު ހަމްދޫންގެ ޕެއާއާ ވާދަކޮށް، ޝާޒާއި ހުޖާންގެ ޕެއާ މެޗުން މޮޅުވީ 7-6 ފްރޭމުންނެވެ.

ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާ ރޭ ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެ ޕެއާގެ ފުރަތަމަ މެޗުގައި މުހައްމަދު އަކްސަމް ވަހީދާއި މުހައްމަދު ދުންޔާޒް އަތުން 7-1 ފްރޭމުން މޮޅުވި އިރު، ދެވަނަ މެޗުގައި ޝިފާއު އަބްދުﷲ އާއި މޫސާ ސާމިއުގެ ޕެއާ އަތުން މޮޅުވީ ސީދާ ހަތް ފްރޭމުންނެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަން ކުރިއަށްދާނީ 32 ކުޅުންތެރިން ހިމެނޭ ގޮތަށް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ.

ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައި ނުވާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.

ޑަބަލްސް އިވެންޓު ކުރިއަށްދާނީ އަންހެން ފިރިހެން އެއްކޮށް، 10 ބޯލްސް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.

ޑަބަލްސް އިވެންޓުގައި ބައިވެރިވުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާލައިފައެވެ. ނޭޝަނަލް ފިރިހެން ރޭންކިންގެ ގަދަ 32 ގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ޕެއާއެއް ނުހެދޭނެއެވެ. ނަމަވެސް އެ އިވެންޓުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް ބައިވެރިވެވޭނެއެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓު ކުރިއަށްދާނީ މުބާރާތުގައި ބައިވެރިވާ ހުރިހާ މިކްސް ޑަބަލްސް ޕެއާތައް ހިމެނޭގޮތަށް 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.

މުބާރާތުގެ އެންމެ ބޮޑު އިވެންޓަކީ ޓީމު އިވެންޓެވެ. ކްލަބުތަކުގެ މެދުގައި ކުރިއަށްދާ އެ އިވެންޓުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ކްލަބު ޖަމިއްޔާތަކަށެވެ. ކޮންމެ ކްލަބު ޖަމިއްޔާއަކަށް ވެސް ބައިވެރިކުރެވޭނީ އެއް ޓީމެވެ.

އެ އިވެންޓުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުގައި މަދުވެގެން ދިހަ ކުޅުންތެރިން އަދި ގިނަވެގެން 12 ކުޅުންތެރިން ހިމެނޭނެއެވެ. ނަމަވެސް ޓީމުގައި ހިމެނޭނީ ނޭޝަނަލް ބިލިއާޑް ރޭންކިންގެ އެއްވަނައާއި އަށްވަނައާ ދެމެދުގެ ދެ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގެ އެއް ކުޅުންތެރިޔަކު ވެސް ހިމެނޭނެއެވެ. ޓީމުތަކުގައި ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތް އިރު، ވަކި އަދަދަކަށް ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުން މަޖުބޫރެއް ނޫނެވެ.

ޓީމު އިވެންޓުގެ މެޗުތައް ކުޅެވޭނީ ފަސް މޭޒުން މަދުވެގެން ތިން މޭޒުން މޮޅުވާ ޓީމެއް އެ މެޗަކުން މޮޅުވާ ގޮތަށެވެ. އެ މެޗުތަކުގައި ސިންގަލްސް ދެ މެޗާއި ޑަބަލްސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އިވެންޓުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 ބޯލްސްއެވެ. އެ އިވެންޓުގެ ފުރަތަމަ ބުރުން ފައިނަލާ ހަމައަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން ވަނީ އިއުލާނުކޮށްފައެވެ.