ރާއްޖެއިން ވެސް ކޮވިޑުގެ އާ ވެރިއެންޓު ކަމަށްވާ އޮމިކްރޯން ފެނިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ރާއްޖެއިން އޮމިކްރޯންގެ ފުރަތަމަ ކޭސް ފެނިފައިވާ ކަމަށެވެ.
އެޗްޕީއޭ އިން މައުލޫމާތުދޭ ގޮތުގައި އޮމިކްރޯން ވޭރިއަންޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކޮވިޑަށް ޕޮޒިޓިވްވީ ފަތުރުވެރިއެއްގެ ސާމްޕަލުންނެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމާއި އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ދެކުނު އެފްރިކާގެ ގައުމަކުން ފުރަތަމަ ފެނުނު އެ ވޭރިއަންޓް މިހާރު ވަނީ ދިވެހީން އާންމުކޮށް ގޮސް އުޅޭ އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާ އިން ވެސް ފެނިފައެވެ. އެ ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ބޯޑަރުތައް ބަންދުކުރަން ވެސް ފަށައިފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށުމާއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަށް، ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ރާއްޖެއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ. އަދި އޭގެ ތެރޭގައި ރާއްޖެ އައުމުގެ 14 ދުވަސްކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނަ އިރު، ޓްރާންސިޓްވެފައިވާ މީހުން ހިމެނެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވެފައިވަނީ ބަލި ފެނުނު ދެކުނު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އައުން މަނާކުރި ނަމަވެސް ރާއްޖެއަށް ބަލި އައުން ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް ބަލި ފެތުރުން ލަސް ކުރެވި ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. އަދި އާ ވޭރިއަންޓަކީ ޑެލްޓާ ވޭރިއެންޓަށްވުރެ ބޮޑަށް ބަލި ޖައްސާ މިންވަރު އިތުރުކުރާ ވޭރިއެންޓެއް ކަމަށާއި މިއީ ބަލި ޖެހިފައި ތިބި މިހުންނަށް ތަކުރާރުކޮށްވެސް ބަލި ފެތުރިދާ ފަދަ ވޭރިއެންޓެއް ކަމަށް ވިދާޅުވިއެވެ.
އާ ވޭރިއަންޓު ފެތުރުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިން ޕީސީއާރު ޓެސްޓުތައް ހަދާފައި ހުރިތޯ ބަލައި ވެކްސިން ފުރިހަމަކޮށްފައިވާ މިންވަރު ބެލުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. ރާއްޖެ އައުން މަނާކުރި ގައުމުތަކަށް ރާއްޖެއަށް ދަތުރުކުރި މީހުން ހޯދައި ޓެސްޓުކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު