ރާއްޖޭގައި އެހެން ދީންތައް ފަތުރާ ވެކްސައިޓްތަކާއި ސޯޝަލް މީޑިއާ ކޮންޓެންޓްތައް ބްލޮކް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު އަދި ތަންފީޒު ނުވާ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގުކޮށް، ކުރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އަމުރެއް ނެރެފައެވެ.
އެގޮތުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއާތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ކޯޓުން ނެރުމުން ފުލުހުން ވަނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް 72 ގަޑިއިރު ދީފައެވެ.
ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ކޯޓު އަމުރު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހެނީ ޓެކްނިކަލް މަސައްކަތްތަކެއް ކަމަށާއި އެހެންކަމުން އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. އަދި ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ކަމާ ގުޅޭ އެހެން އިދާރާތައް ގުޅިގެން ކޯޓު އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެން ދީންތައް ފަތުރާ ވެބްސައިޓްތަކުގެ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހުވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ނަސޯރާ ދީނުގެ ކުރެހުންތަކަކާއި އެ ދީނާ ބެހޭ ވެބްސައިޓެއްގެ ލިންކް ހިމަނާފައިވާ ޕޯސްޓެއްގެ އިތުރުން ދިވެހި އަޑު އަޅައިގެން ކްރިސްޓިއަން ދީނާ ގުޅޭ ބައެއް ވީޑިއޯތަކާއި ލިޔުންތައްވެސް ދައުރުވެފައިވެއެވެ.
އެކަމާ ގުޅިގެން އެއިރު ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ކުރިސްޓިއަން ދީން ފަތުރަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އެކަން ހުއްޓުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު