ޑޯނިއާ ފްލައިޓުތައް ރާއްޖެ ގެނައުން އަވަސްކޮށްދިނުމަށް އެދި، އެއިރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންޑިއާއަށް ސިޓީ ފޮނުވައި، އާދޭސް ދަންނަވައިފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމުގައި އަނދުން ހުސައިން ރޭ ވިދާޅުވީ، އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ މައްސަލަތައް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، މަޖިލީހުގެ 241 ކޮމިޓީގެ ސަމާލުކަމަށް ގެނައުމާއެކު އެ މައްސަލަ ދިރާސާކޮށްފައިވާނެ ކަމަށެވެ.
އަނދުން ހުސައިން ވިދާޅުވީ، އިންޑިއާއިން ރާއްޖެއާއެކު ވެފައިވަނީ ހަތަރު އެއްބަސްވުމެއް ކަމަށާއި އެއީ އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރާއްޖޭގައި ޑޯނިއާ ބޯޓެއް އޮޕަރޭޓްކުރުމުގެ އެއްބަސްވުމާއި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގެ އިތުރުން ހައިޑްރޯގްރަފީ އެއްބަސްވުމެއް ކަމަށެވެ.
އެ ހުރިހާ އެއްބަސްވުމެއްވެސް ކޮމިޓީ މަރުހަލާގައި ވަރަށް ރަނގަޅަށް ދިރާސާކޮށްފައިވާކަން ފާހަގަކުރައްވައި އަނދުން ހުސައިން ވިދާޅުވީ، އެ އެއްބަސްވުންތައް ދިރާސާކުރުމުގެ ތެރޭގައި އިތުރު ބައިވަރު ކަންކަންވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ޑޯނިއާ ބޯޓެއް ރާއްޖެ ގެނައުމަށް އެއިރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންޑިއާގައި އާދޭސް ދަންނަވާފައިވާކަން އެނގޭ ކަމަށް ވިދާޅުވިއެވެ.
"ޑޯނިއާ ފްލައިޓުވެސް އައިސްފައި މިއޮތީ އެއިރުގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ޑޯނިއާ ފްލައިޓެއްގެ ވާހަަކަ އިންޑިއާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާ ދެމެދު ދެކެވިފައި އޮތީމާ އަދި އޭތި ލަސްވެގެން އޭތި އަވަސްކޮށްދޭން ސިޓީ ފޮނުވައި ވަަރަށް އާދޭސް ދަންނަވާފައިވާކަން. އެކަންވެސް ގޮސްފައި އޮތީ އެގޮތަށް،" އަނދުން ހުސައިން ވިދާޅުވިއެވެ.
އަނދުން ހުސައިން އިތުރަށް ވިދާޅުވީ، އުތުރުތިިލަފަޅު އެއްބަސްވުމަކީ 2016 އިން ފެށިގެން މަޝްވަރާކުރަމުން އައިސް، ވެވިފައިވާ އެއްބަސްވުމެއް ކަމަށާއި އެއިރު އެއްބަސްވެވިފައި އޮތީ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކަމަށެވެ.
ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް އޮތްތޯ ބެލުމަށް 241 ކޮމިޓީއަށް ހުށަހެޅުނު މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޓީން ނިންމައިފައިވަނީ އެ އެއްބަސްވުންތަކުގައި މައްސަލައެއް ނެތް ކަމަށެވެ. ކޮމިޓީން ފާސްކުރި ރިޕޯޓު، މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.