އިތުރު ދެ ތަނަކުން "އެމްޓީސީސީ ބަސް ދަތުރު ކާޑު" ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހުޅުމާލޭ ކިނބިގަސް މަގުގައި ހުންނަ މޯލްޑިވްސް ޕޯސްޓާއި ވޭލާނާގޭގައި ހުންނަ މޯލްޑިވްސް ޕޯސްޓުން ވެސް މިމަހުން ފެށިގެން "އެމްޓީސީސީ ބަސް ދަތުރު ކާޑު" ގަންނަން ލިބޭނެ ކަމަށެވެ.

އޭގެ އިތުރުންވެސް އެ ދެ ތަނުން ކާޑު ރީލޯޑު ކުރުމާއި ސިންގަލް ޖާނީ ޓިކެޓް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުވުމަށް އެކުންފުނީގެ ވެބްސައިޓަށް ޒިޔާރަތް ކުރުމަށް ނުވަތަ އެމްޓީސީސީ ބަސް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ކޯލް ސެންޓަރު ނަންބަރު 1650 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

މިހާރު ވެސް މާލޭގައި ހުންނަ މާފަންނު ބަސް ޓާމިނަލާއި ހުޅުމާލޭ ފަހި ޕްލާޒާ އާއި ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ "ހިޔާ ސޮޕް 1" ކައުންޓަރާއި ފޭސް ދޭއްގެ އެޗްސީޔޫ މާޓުން ވެސް ބަސް ދަތުރު ކާޑު ލިބެން ހުރެއެވެ.