ގައުމީ ބިލިއާޑް މުބާރާތް

ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލަށް ޝާހިލް، ދެވަނަ ޑިވިޝަންގެ ފައިނަލަށް ޝާވިން

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުން މުހައްމަދު ޝާހިލް ހަމީދު އަދި ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލުން އަލީ ޝާވިން ޖާގަ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގައި ޝާހިލް އާއި ޝާވިން ވަނީ އެ ކުޅުންތެރިން އިއްޔެ ކުޅުނު މެޗުތަކުން ވެސް މޮޅުވެފައެވެ.

ފިރިހެން ފުރަތަމަ ޑިވިޝަންގައި އެމްޕީބީއޭ ރޭންކިންގެ ހަވަނައިގައި އޮތް ޝާހިލް އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ރޭންކިންގެ ނުވަވަނައިގައި އޮތް އިސްމާއިލް ޖީހާންއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ޝާހިލް މޮޅުވީ 9-8 ފްރޭމުންނެވެ.

އިއްޔެ ޝާހިލް ކުޅުނު ދެވަނަ މެޗުގައި ނުކުތީ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާ ދެކޮޅަށެވެ. ޝާހިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ޝާޒްގެ މައްޗަށް ކުރި ހޯދީ 9-3 ފްރޭމުންނެވެ. މިއީ މުބާރާތެއްގެ ފައިނަލުން ޝާހިލްއަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާނީ ސެމީ ފައިނަލުގެ މެޗަށްފަހުއެވެ. އެ މެޗުގައި ވާދަކުރާނީ ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒް އާއި ދެވަނައިގައި އޮތް ހުސައިން ފަޔާޒެވެ. މުބާރާތުގައި މީގެ ކުރިން އެ ދެކުޅުންތެރިން ވާދަކުރި މެޗުން މޮޅުވެފައިވަނީ ޝާޒްއެވެ.

ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ޝާވިން އިއްޔެ ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. ޝާވިން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މުހައްމަދު ޝަހުލާން އަތުން 7-2 ފްރޭމުން މޮޅުވި އިރު، ދެވަނަ މެޗުގައި ޝާލިމް އާދަމް އަތުން ވަނީ 7-3 ފްރޭމުން މޮޅުވެފައެވެ. އަދި އިއްޔެ ޝާވިން ކުޅުނު ފަހު މެޗުގައި އައްބާސް ސައީދު އަތުން މޮޅުވީ 7-3 ފްރޭމުންނެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލުގައި ޝާވިންއާ ދެކޮޅަށް ނުކުންނަ ކުޅުންތެރިއެއް ކަށަވަރުވާނީ ސެމީ ފައިނަލުގެ ދެވަނަ މެޗަށްފަހުއެވެ. އެ މެޗުގައި ވާދަކުރާނީ އައްބާސް ސައީދާއި އިބްރާހިމް ރަޝީދެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ވެސް އިއްޔެ ވަނީ ކަށަވަރުވެފައެވެ. އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ އަންހެނުންގެ ރޭންކިންގެ ދެވަނައިގައި އޮތް ދީނާ އަހުމަދާއި ހަތަރުވަނައިގައި އޮތް އާމިނަތު އަޒްރާއެވެ.

އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނީ ދެ މެޗެކެވެ. އެ ދެ މެޗުގައި ވެސް އެއްކޮޅުން ވާދަކޮށްފައިވަނީ ދީނާއެވެ. ފުރަތަމަ މެޗުގައި ތިންވަނައިގައި އޮތް އާމިނަތު ހަލީމްއާ ވާދަކޮށް 5-4 ފްރޭމުން ދީނާ މޮޅުވި އިރު، ދެވަނަ މެޗުން ދީނާ މޮޅުވީ މަރިޔަމް ހުދުނާއާ ވާދަކޮށް 5-2 ފްރޭމުންނެވެ.

މުބާރާތުގެ ޑަބަލްސް އިވެންޓުގެ މެޗުތައް މިއަދު ފެށޭނެއެވެ. އެ ޑިވިޝަންގެ 25 މެޗެއް މިއަދު ކުޅުމަށް ހަމަޖެހިފައިވާ އިރު، މިކްސް ޑަބްލްސްގެ ދެ މެޗެއް ވެސް ކުރިއަށްދާނެއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަން ކުރިއަށްދާނީ 32 ކުޅުންތެރިން ހިމެނޭ ގޮތަށް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ.

ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައިނުވާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް ވަނީ ހުޅުވާލައިފައެވެ.

މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.

ޑަބަލްސް އިވެންޓު ކުރިއަށްދާނީ އަންހެން ފިރިހެން އެއްކޮށް، 10 ބޯލްސް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.

ޑަބަލްސް އިވެންޓުގައި ބައިވެރިވުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާލައިފައެވެ. ނޭޝަނަލް ފިރިހެން ރޭންކިންގެ ގަދަ 32 ގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ޕެއާއެއް ނުހެދޭނެއެވެ. ނަމަވެސް އެ އިވެންޓުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް ބައިވެރިވެވޭނެއެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓު ކުރިއަށްދާނީ މުބާރާތުގައި ބައިވެރިވާ ހުރިހާ މިކްސް ޑަބަލްސް ޕެއާތައް ހިމެނޭގޮތަށް 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.

މުބާރާތުގެ އެންމެ ބޮޑު އިވެންޓަކީ ޓީމު އިވެންޓެވެ. ކްލަބުތަކުގެ މެދުގައި ކުރިއަށްދާ އެ އިވެންޓުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ކްލަބު ޖަމިއްޔާތަކަށެވެ. ކޮންމެ ކްލަބު ޖަމިއްޔާއަކަށް ވެސް ބައިވެރިކުރެވޭނީ އެއް ޓީމެވެ.

އެ އިވެންޓުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުގައި މަދުވެގެން ދިހަ ކުޅުންތެރިން އަދި ގިނަވެގެން 12 ކުޅުންތެރިން ހިމެނޭނެއެވެ. ނަމަވެސް ޓީމުގައި ހިމެނޭނީ ނޭޝަނަލް ބިލިއާޑް ރޭންކިންގެ އެއްވަނައާއި އަށްވަނައާ ދެމެދުގެ ދެ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގެ އެއް ކުޅުންތެރިޔަކު ވެސް ހިމެނޭނެއެވެ. ޓީމުތަކުގައި ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތް އިރު، ވަކި އަދަދަކަށް ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުން މަޖުބޫރެއް ނޫނެވެ.

ޓީމު އިވެންޓުގެ މެޗުތައް ކުޅެވޭނީ ފަސް މޭޒުން މަދުވެގެން ތިން މޭޒުން މޮޅުވާ ޓީމެއް އެ މެޗަކުން މޮޅުވާ ގޮތަށެވެ. އެ މެޗުތަކުގައި ސިންގަލްސް ދެ މެޗާއި ޑަބަލްސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އިވެންޓުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 ބޯލްސްއެވެ. އެ އިވެންޓުގެ ފުރަތަމަ ބުރުން ފައިނަލާ ހަމައަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން ވަނީ އިއުލާންކޮށްފައެވެ.