ރ. ވާދޫ ކައުންސިލު އިދާރާ ކުރިމަތީގައި އެ ރަށު ޒުވާނުންތަކެއް އަނެއްކާވެސް އިހުތިޖާޖު ކޮށްފިއެވެ.

"ވަން" އަށް މައުލޫމާތު ދެމުން ވާދޫ ރައްޔިތަކު މިއަދު ބުނީ، ރޭ ގާތްގަނޑަކަށް 10:30 ހާއިރު އެ ރަށު ޒުވާނުން ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެފައިވަނީ ވަނީ ކައުންސިލާ ދެކޮޅަށް އެކިއެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ކަމަށެވެ.

އެގޮތުން އޭނާ ބުނީ ވާދޫގައި ރޭ އެރަށުގެ ބަޔަކު އިހުތިޖާޖު ކޮށްފައިވަނީ، ކައުންސިލުން ރައްޔިތުންނާ ހިއްސާ ނުކޮށް ސިއްރުން ބައްދަލުވުމެއް ބާއްވައި، އެ ރަށު ސިޓީ ހޮޓާ މަޝްރޫއު މިހާރު ހަވާލު ކޮށްފައިވާ ކުންފުނި ނޫން އެހެން ބަޔަކަށް އެ މަޝްރޫއު ހިންގަން ހަވާލުކުރަން އުޅޭތީ ކަމަށެވެ.

މިކަމާ ގުޅިގެން ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ "ވަން" އަށް މިއަދު ވިދާޅުވީ، ކައުންސިލްގެ ފަރާތުން ސިއްރު ބައްދަލުވުން ބޭއްވުމަކީ ގާނޫނު މަނާކުރާ ކަމެއް ކަމަށާއި ކައުންސިލަށް ބޭއްވޭނީ އާންމު ބައްދަލުވުމާއި ކުއްލި ބައްދަލަވުން އެކަނި ކަމަށެވެ.

އޭނާ ވިދާޅުވީ ބައްދަލުވުން ބާއްވާފައިވަނީ އެޖެންޑާ ކޮށްގެން، އެވަގުތު ތިބި ހަތަރު ކައުންސިލަރުން ބައިވެރިވެގެން ކަމަށެވެ. އަދި ސިޓީ ހޮޓަލުގެ މަޝްރޫއު ހިންގަން ފާލަން ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ އެރަށު ކައުންސިލުން އެއްބަސްވުން ހަދާފައި އޮތީ 2016 ވަނަ އަހަރުގައި ކަމަށާއި، އެހެން ނަމަވެސް ކޮވިޑްގެ ސަބަބުން މަސައްކަތް ލަސްވެފައިވާ ކަމަށެވެ. އެހެން ބަޔަކާ އެ މަސައްކަތް ހަވާލުކުރަން އެ ކުންފުނީން ކުންފުނިން ހުއްދައަށް އެދިފައިވާ ކަމަށެވެ.

"ގަބޫލުކުރެވޭ ކަހަލަ ގޮންޖެހުންތަކާ ހެދި އެބޭފުޅުންނަށް އެކަން ނުވިކަން ކައުންސިލާ ހިއްސާކޮށްފަ ވަނީ. ލީސް ބަދަލުކުރުމުގެ އިހުތިޔާރު އެބޭފުޅުންނަށްވެސް އެބަ އޮވޭ. އެބޭފުޅުންގެ ސިޓީއަށް ޖަވާބު ދިނުމަށް ކުއްލި ބައްދަލުވުން ބާއްވާފައިވާނީ. އެކަން ކުރީ އެހެން މެންބަރުންނާވެސް މަޝްވަރާ ކުރުމަށްފަހު." ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ، މަޝްރޫއުގެ އެއްވެސް ކަމެއް ސިއްރު ނުކުރައްވާނެ ކަމަށާއި ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށެވެ.

2016 ވަނަ އަހަރު އެ މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާލަން ހޯލްޑިންގްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން އަބްދުﷲ ސައީދު ވިދާޅުވީ އެތަން ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށް ކަމަށެވެ. އަދި ޖުމުލަ 8 މިލިއަން ޑޮލަރު އެތަނަށް އިންވެސްޓް ކުރާނެ ކަމަށާއި އެތަނުގައި 25 ބީޗް ވިލާ އާއި 25 ގާޑެންވިލާ ތަރައްގީކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވާދޫގައި ފުޓްސަލް މުބާރާތް ނުބާއްވައި މީދާ މެރުމުގެ މުބާރާތެއް ބާއްވަން އުޅޭތީވެސް އެ ރަށު ޒުވާނުންތަކެއް ނިކުމެ ވަނީ އިހުތިޖާޖުކޮށްފައެވެ.