ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިންގާ ޕްރޮގްރާމުތަކަށް ބަދަލު ގެނެސް، އެފަދަ މީހުން ބާރުވެރިކުރެވޭ ފަދަ ގޮތަކަށް ޕްރޮގުރާމްތައް ބައްޓަން ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިވެލި އެވޯޑު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ. އެކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާއި މަޝްވަރާ ހޯދާފައިވާ ކަމަށާއި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ހިންގާ ޕްރޮގުރާމުތަކަށް ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ފަދަ ގޮތަކަށް އެ ޕްރޮގުރާމުތައް ބައްޓަންކުރުން. އެފަދަ ޕްރޮގުރާމުތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ހާސިލު ކުރެވޭނީ އޭރުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން މިރޭ އެވޯޑް ހާސިލު ކުރި ބޭފުޅުންގެ ތެރޭގައިވެސް އަދި މިދިޔަ އަހަރު އެވޯޑް ހާސިލު ކުރި ބޭފުޅުންގެ ތެރޭގައިވެސް ވަރަށް ފަންނުވެރި ހުނަރުވެރިން އެބަތިބި ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅުންގެ ހުނަރުތައް ތަރައްގީކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އޭރުން އެފަދަ ބޭފުޅުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރަށް ތަރައްގީވެ، މުޖުތަމައަށާއި މުޅި ގައުމަށްވެސް މިހާރަށްވުރެ އެތައް ގޮތަކުން މަންފާކުރާނެ. އަދި އެއީ އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްވެސް ލިބޭ އަގުހުރި ފުރުސަތަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންމެންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން މިހާރަށްވުރެ ފުރިހަމައަށް ދޭންޖެހޭ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިވުމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ހަދަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭރުން އެބޭފުޅުންގެ ހަޔާތުން އެކަނިވެރިކަމާއި ހިތްދަތިކަން ފިލައިގެން ގޮސް، މާއުފާވެރި ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ. މުޖުތަމައުގައި ހަމަހަމަ ފުރުސަތުތައް ލިބިގެންވާކަމާއި ތަފާތުކުރުމެއް ނުގެންގުޅޭކަން އިހުސާސް ކުރެވޭނެ. މިއީ އެއްވެސް ހޭދައެއް ނުކޮށް، މާބުރަ މަސައްކަތަކާނުލައި އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައުގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށާއި ނަމަވެސް އެ ހިއްސާ ފުރިހަމަވެގެންދާނީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި މުޅި މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އެ ނިޒާމު ފުރިހަމަ ކުރުމަކީ އެންމެންގެ ޒިންމާއެއްކަން ގަބޫލުކޮށް، އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.