ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން ހުއްޓުމަކަށް ގެނެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިވެލި އެވޯޑު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ މީހުންގެ ލާބަޔަށް އެކި ފަރާތްތަކުން ކުރާ ހިދުމަތަކީ އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށް ވުރެ، މާ ފުރިހަމަ އަދި އެހާމެ މަތިވެރި ހިދުމަތްތަކެއް ކަމަށެވެ. ނަމަވެސް އެ މުހިންމު ހިދުމަތުގެ އަގު ދައުލަތުގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ވަޒަންކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށާއި އެ ހިދުމަތްތަކަށް ހިތްވަރު ދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ފަރާތުން ހިދުމަތް ދިނުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެފަދަ އެއް ކަމަކީ 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގުރާމް. އެ ޕްރޮގުރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ވާނީ އިރާދަކުރެއްވިއްޔާ ހުއްޓުމަކަށް ގެނެވިފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތެރަޕިއުޓިކް ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑުގެ ދަތިކަމުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގުރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަން ކަމަށާއި އެއްވެސް މިންވަރެއް އުނިނުކޮށް، މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.

އަދި ކޮވިޑު ދުވަސްވަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ވަރަށް ގިނަ ކަމަށާއި އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުންވެސް ވަރަށް ގިނަ ހުރަސްތަކެއް އެފަރާތްތަކަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"މިކަންކަމަށް ރިއާޔަތްކޮށް، ސަރުކާރުން ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލައި، މިދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ކޮވިޑުގެ ސަބަބުން އެކި ދާއިރާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރި އިރު، ވަޒީފާގެ ބާޒާރަށް ކުރިމަތިވި ލޮޅުންތައް ވަރަށް ބޮޑުކަން ފާހަގަކުރެވުނު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ބައެއް މީހުންގެ ވަޒީފާ ގެއްލިގެންދިޔަ ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހެއްގެ ވަޒީފާއަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.