މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެކި ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގައި ބޭނުންކުރަމުން އަންނަނީ ކ. ގުޅިފަޅުގައި ހުންނަ ހޮޅި ފެކްޓަރީން އުފައްދާ ހޮޅި ކަމަށާއި އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ށ. ފީވަކުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީއަކީ ވެސް ވަރަށް ގިނަ މުދާތަކެއް ބޭރުން އެތެރެކުރާ ކުންފުންޏަކަށްވެފައި، މި މަޝްރޫއުގެ ވެސް މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި މުދާތަކެއް ބޭރުން އެތެރެކުރަން ޖެހުނު ކަމަށާއި އެހެންކަމުން ރަށްރަށަށް ތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑު މިއަދު ވަރަށް ބޮޑަށް ފަހުރުވެރިވަން، އަޅުގަނޑުމެން މި ބޭނުންކުރަނީ އެމްޑަބްލިޔުއެސްސީގެ ގުޅިފަޅުގައި ހޮޅި ހަދާ ފެކްޓަރީން ހަދާފައި ހުރި ހޮޅިތައް. މި ހޮޅިތަކުގައި ހުރި ތާރީހުތަކަށް ބަލައިލީމަ ތި ބޭފުޅުންނަށް އެނގޭނެ އެއީ ވަރަށް ފަހުން ހަދާފައި ހުރި ހޮޅިތަކެއްކަން. މިއީ މުޅިން ދިވެހި އުފެއްދުމެއް، އަޅުގަނޑުމެންގެ ހޮޅި ހަދާ ފެކްޓަރީގައި މުޅިން ދިވެހިން ތިބެނީ،" އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ހޮޅި އުފެއްދުމަށްޓަކައި ވެސް ރޯ މެޓީރިއަލް ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ކަމަށާއި އެހެންނަމަވެސް ހޮޅި އުފައްދައިގެން ރަށްރަށަށް ފޯރުކޮށްދެވޭތީ އެކަމަށްޓަކައި އުފާކުރާ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ވަނީ 2015 ވަނަ އަހަރު ގުޅިފަޅުގައި ހޮޅި އުފައްދާ ކާރުހާނާއެއް ގާއިމުކޮށްފައެވެ. އެ ކާރުހާނާއިން ހޮޅި އުފައްދަނީ ޖަރުމަނުގެ "ކުރައުސް މަފެއި" ބްރޭންޑުގެ ޒަމާނީ ފެންވަރުގެ މެޝިނަރީއާއި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވާވިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން، އީ.އެން އަދި އައިއެސްއޯ ސްޓޭންޑާޑްއަށް ފެތޭ ގޮތަށެވެ. ހޮޅީގެ ކޮލިޓީ ޓެސްޓުކުރެވޭނެ ލެބޯޓަރީއެއްވެސް އެ ކާރުހާނާގައި ވަނީ ގާއިމުކުރެވިފައެވެ. އެ ކާރުހާނާއިން އުފައްދާ އެކި ސައިޒުގެ ހޮޅި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި މަގު ހެދުމާއި ސްޓޯމް ވޯޓާ އަދި ވާރޭފެން ރައްކާކުރުން ފަދަ ތަފާތު އެކިއެކި މަޝްރޫއުތަކުގައި ބޭނުންކުރަމުންދާތާ މިހާރު ވަނީ ފަސް އަހަރުވެފައެވެ.
ފެނާއި ނަރުދަމާގެ މަސައްކަތަށް އެމްޑަބްލިޔުއެސްސީން އުފައްދާ އަންޕްލާސްޓިސައިޑް ޕޮލިވިނީލް ކުލޮރައިޑް (ޔޫޕީވީސީ) ހޮޅިއާއި، ހައިޑެންސިޓީ ޕޮލެޔެތެލިން (އެޗްޑީޕީއީ) ޕްރެޝާ ހޮޅިއަކީ ޔޫރަޕްގެ ސްޓޭންޑާޑް ކަމުގައިވާ "އީއެން" އާއި އައިއެސްސީ ސްޓޭންޑާޑަށް ފެތޭ ހޮޅިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު