މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގައި އެމްޕީބީއޭ ރޭންކިންގެ ތިންވަނައިގައި އޮތް ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝަރީފް އަތުން ވެސް ރޭންކިންގެ ނުވަވަނައިގައި އޮތް އިސްމާއިލް ޖީހާން މޮޅެއް ހޯދައިފިއެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދާ އެ މުބާރާތުގައި ޖީހާން އަންނަނީ ތަފާތު ނަތީޖާތަކެއް ނެރެމުންނެވެ. މުބާރާތުގައި މިހާތަނަށް އޭނާ ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ.
ރޭ ކުޅުނު މެޗުގައި ޖީހާން ވަނީ ޝަރީފްއާ ދެކޮޅަށް ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މެޗުން ޖީހާން މޮޅުވީ 9-4 ފްރޭމުންނެވެ. އޭގެ ކުރިން މިދިޔަ ބުދަ ދުވަހު 9-2 ފްރޭމުން މުހައްމަދު ސާހިން ބަލިކުރި އިރު، މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ޖީހާން ވަނީ 8-9 ފްރޭމުން ރޭންކިންގެ ހަތްވަނައިގައި އޮތް އަހުސަން ހާޝިމް ބަލިކޮށްފައެވެ.
ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ވެސް ވަނީ އޭނާ މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެފައެވެ. ރޭ ކުޅުނު މެޗުގައި ޝާޒް ވަނީ 9-2 ފްރޭމުން އަހުމަދު ރަމްޒީ ބަލިކޮށްފައެވެ. މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގައި ރޭންކިންގެ ދެވަނައިގައި އޮތް ހުސައިން ފަޔާޒްއާ ވާދަކޮށް 4-9 ފްރޭމުން ޝާޒް މޮޅުވި އިރު، މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ޝާޒް ވަނީ 3-9 ފްރޭމުން ހާމިދު ފައިސަލް ބަލިކޮށްފައެވެ.
އެ މުބާރާތުގައި މިއަދު ވެސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަންގެ އިތުރުން މިކްސް ޑަބްލްސް މެޗުތަކެއް ވެސް ކުރިއަށްދާނެއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަން ކުރިއަށްދާނީ 32 ކުޅުންތެރިން ހިމެނޭ ގޮތަށް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ.
ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައިނުވާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް ވަނީ ހުޅުވާލައިފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.
ޑަބަލްސް އިވެންޓު ކުރިއަށްދާނީ އަންހެން ފިރިހެން އެއްކޮށް، 10 ބޯލްސް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.
ޑަބަލްސް އިވެންޓުގައި ބައިވެރިވުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާލައިފައެވެ. ނޭޝަނަލް ފިރިހެން ރޭންކިންގެ ގަދަ 32 ގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ޕެއާއެއް ނުހެދޭނެއެވެ. ނަމަވެސް އެ އިވެންޓުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް ބައިވެރިވެވޭނެއެވެ.
މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓު ކުރިއަށްދާނީ މުބާރާތުގައި ބައިވެރިވާ ހުރިހާ މިކްސް ޑަބަލްސް ޕެއާތައް ހިމެނޭގޮތަށް 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.
މުބާރާތުގެ އެންމެ ބޮޑު އިވެންޓަކީ ޓީމު އިވެންޓެވެ. ކްލަބުތަކުގެ މެދުގައި ކުރިއަށްދާ އެ އިވެންޓުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ކްލަބު ޖަމިއްޔާތަކަށެވެ. ކޮންމެ ކްލަބު ޖަމިއްޔާއަކަށް ވެސް ބައިވެރިކުރެވޭނީ އެއް ޓީމެވެ.
އެ އިވެންޓުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުގައި މަދުވެގެން ދިހަ ކުޅުންތެރިން އަދި ގިނަވެގެން 12 ކުޅުންތެރިން ހިމެނޭނެއެވެ. ނަމަވެސް ޓީމުގައި ހިމެނޭނީ ނޭޝަނަލް ބިލިއާޑް ރޭންކިންގެ އެއްވަނައާއި އަށްވަނައާ ދެމެދުގެ ދެ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގެ އެއް ކުޅުންތެރިޔަކު ވެސް ހިމެނޭނެއެވެ. ޓީމުތަކުގައި ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތް އިރު، ވަކި އަދަދަކަށް ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުން މަޖުބޫރެއް ނޫނެވެ.
ޓީމު އިވެންޓުގެ މެޗުތައް ކުޅެވޭނީ ފަސް މޭޒުން މަދުވެގެން ތިން މޭޒުން މޮޅުވާ ޓީމެއް އެ މެޗަކުން މޮޅުވާ ގޮތަށެވެ. އެ މެޗުތަކުގައި ސިންގަލްސް ދެ މެޗާއި ޑަބަލްސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އިވެންޓުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 ބޯލްސްއެވެ. އެ އިވެންޓުގެ ފުރަތަމަ ބުރުން ފައިނަލާ ހަމައަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.
އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން ވަނީ އިއުލާންކޮށްފައެވެ.
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް