ކޮލެޖުތަކާއި އެކިއެކި އިންސްޓިޓިއުޝަންތަކުން މަތީ ތައުލީމު ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުތަކަށް ކަނޑައެޅިފައިވާ ޓިއުޝަން ފީގެ އޮނިގަނޑު (ފީ ސްޓްރަކްޗާ)، އެ ޕްރޮގްރާމަށް ކުދިން އެޕްލައިކުރުމުގެ ކުރިން ދަރިވަރުންނަށް އެނގެން އޮންނަންޖެހޭނެ ކަމަށް ކަނޑައަޅައި ރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު އާއްމުކޮށްފިއެވެ.
އެ ގަވާއިދުގައި ބުނެފައިވަނީ، އެތަންތަނުގައި ހިންގާ އެއް ޕްރޮގުރާމެއްގައި އެއް ވަގުތެއްގައި އެންރޯލްވާ ހުރިހާ ދަރިވަރުންގެ އަތުން ނަގާ ފީ އެއްވަރު ވާންވާނެ ކަމަށެވެ.
ދަރިވަރުންގެ އަތުން ނަގާ އެކިކަހަލަ އިތުރު ފީތަކުގެ މައުލޫމާތު، ކޯހަށް އެންރޯލްވުމުގެ ކުރިން، ދަރިވަރަށް އެނގެން އޮންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ޕްރޮގްރާމަށް ދަރިވަރުން ދައްކާ ފައިސާ ރިފަންޑް ކުރުމާ ބެހޭ ޕޮލިސީއެއް އޮތުމާއެކު، ދަރިވަރުންނަށް އެ ޕޮލިސީ އެނގެން އޮންނަންވާނެ ކަމަށްވެސް ގަވާއިދުގައި ހިމަނާފައިވެއެވެ.
ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށާއި، ރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމާއި، އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުމުގެ މަގުސަދުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި މަތީ ތައުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ މެއި މަހުގެ 17 ގައެވެ.
އެ ގާނޫނުގެ ދަށުން ހަދައި މިދިޔަ ބުރާސްފަތި ދުވަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކުރި ގަވާއިދުގައި ބުނެފައި ވަނީ، ރަޖިސްޓަރީކޮށްގެން މިހާރު ހިންގަމުންދާ ތަންތަން ގަވާއިދަށް އަމަލު ކުރަން ފަށާފައިވާތީ، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މި ގަވާއިދުގެ ދަށުން އަލުން ރަޖިސްޓަރީ ކުރަންވާނެ ކަމަށެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް އިންސްޓިޓިއުޓްތައް ހިންގުމަކީ މަނާކަމެއް ކަމަށާއި، އެގޮތަށް އަމަލު ނުކުރާ ތަންތަނުގެ އިންސްޓްޓިއުޓުގެ ދަރަޖަ އުވައިލައި، ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރާނެ ކަމަށެވެ.
ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ އިނިސްޓިޓިއުޝަންތައް 30،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި، ކޮލެޖު 40،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައި ނުވާ ތަނެއް އިޝްތިހާރު ކޮށްފިނަމަ އެތަނެއް 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު