ސެލޫނުކަށް ޒިޔާރަތްކުރި ރާމާ މަކުނަކަށް ސަމާލުކަން ލިބެމުން އެބަދެއެވެ.
އަހަރެމެން އިންސާނުންނެކޭ އެއްގޮތަށް ބައެއް ޖަނަވާރުން ވެސް ރީތިކަމަށް ހާއްސަ އަހައްމިޔަތުކަމެއް ދެއެވެ. މި ވީޑިއޯ އެކަމުގެ ހެއްކަކަށް ފުދެއެވެ. ގިނަ ބަޔަކަށް ކަމުގޮސްފައިވާ މި ވީޑިއޯގައި ފެނިގެން ދަނީ މޫނުމަތީގެ އިސްތަށިތައް ރީތިކޮށްލަން ރާމާ މަކުނެއް ސެލޫނަކުން ހިދުމަތް ހޯދާ މަންޒަރެވެ.
45 ސިކުންތުގެ މި ކްލިޕުގައި އިންސާނުންނެކޭ އެއްގޮތަށް ރާމާމަކުނަށްވެސް ހިދުމަތް ދޭތަން ފެނިގެންދާއިރު އެސޮރު ގޮނޑިއެއްގައި ބޭންދުމަށްފަހު ކަރުގައި ފޮތިގަނޑެއް އައްސާފައި ހުރެއެވެ. އަދި ހިދުމަތް ދޭ ފަރާތުން އެސޮރުގެ މޫނުމަތީގެ އިސްތަށިތައް އޮމާންކޮށް ފުނާ އަޅައިދީ ޓްރިމްކުރަމުން ދިޔައިރު ބަސް އަހައިގެން އިންނަތަން ފެނިގެން ދެއެވެ.
ރާމާމަކުނު ސެލޫނުން ހިދުމަތް ހޯދަމުން ދިޔަ މަންޒަރު ކަމުގޮސް ވަށައިގެން ތިބި މީހުން އެ ތަން ވީޑިއޯ ކުރަމުން ދާތަން ފެނިގެން ދެއެވެ. ކަރަންޓު ޓްރިމަރަކުން އެސޮރުގެ އިސްތަށިތައް ކުރުކުރަމުން ދިޔައިރު ގުޑި ނުލައި އިނުމުން ގިނަބަޔަކު ވަނީ އެކަން ފާހަގަކޮށްފައެވެ.
އައިޕީއެސް އޮފިސަރެއް ކަމަށްވާ ރުޕިން ޝަރްމާ މި ވީޑިއޯ ހިއްސާކުރަމުން ބުނެފައިވަނީ ރާމާ މަކުނު މިހާރު ވަރަށް ސްމާޓު ކަމަށް ފެންނަ ކަމަށެވެ. ގިނަބަޔަކު ބަލާފައިވާ މިވީޑިއޯ ކްލިޕަށް ކޮމެންޓުކުރި މީހުންވެސް ވަނީ ރާމާމަކުނަށް ތައުރީފުކޮށް މަޖާ ކޮމެންޓުތައް ކޮށްފައެވެ.