މިއަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހުގެ 25ގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 874.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މި އަދަދަކީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި 1.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށް ފިނޭންސުން ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން އިގުތިސޯދަށް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. އެހެންކަމުން 2019 ވަނަ އަހަރާއި މިދިޔަ އަހަރަކީ ހިލޭ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހުނު ދެ އަހަރެވެ. ރާއްޖެއަށް ހިލޭ އެހީ ދޭން ހަމަޖެހިފައިވާ ގައުމުތަކުގެ އިގުތިސޯދު ވެސް ކޮވިޑުގެ ސަބަބުން ހީނަރުވުމުގެ ސަބަބުން ބައެއް ހިލޭ އެހީ ވަނީ ނުލިބިފައެވެ.
ހަފުތާގެ މާލީ ރިޕޯޓުގައި ބުނެފައިވަނީ، ހިލޭ އެހީ އާއި ޓެކްސްގެ އާމްދަނީ އެއްކޮށް ބަލާނަމަ މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 17 ބިލިއަން ރުފިޔާ ކަމަށެވެ. މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރީ 19 ބިލިއަން ރުފިޔާއެވެ. ހިލޭ އެހީ އާއި ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 13.6 ބިލިއަން ރުފިޔާއެވެ.
މިއަހަރު ހިލޭ އެހީ އިތުރަށް ލިބުނު ނަމަވެސް އަންނަ އަހަރަށް ދައުލަތުގެ ހަރަދު ހަމަޖައްސަން ވެސް އިތުރު ފައިސާ ބޭނުންވާ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ. އެ ހަރަދު ހަމަޖައްސަން އަންނަ އަހަރު ފައިސާ ޗާޕުކުރަން ވަނީ ނިންމައިފައެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ޖަހާފައިވާ ހިލޭ އެހީ ނުލިބިދާނެއެވެ. އަންނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސް ކުރަން ޖެހޭ 35.7 މިލިއަން ރުފިޔާއެވެ.
އަންނަ އަހަރު ހޯދަން ޖެހޭ ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާ އިރު، އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު