ދުނިޔެ

އޮމިކްރޯން އިންޑިއާއަށް، ރައްޔިތުން ތިބީ ކޮވިޑުގެ ތިންވަނަ ރާޅެއް އަރައިފާނެކަމުގެ ބިރުވެރިކަމުގައި!

ކޮވިޑުގެ އާ ވޭރިއަންޓާއެކު ދުނިޔެއަށް މިވަނީ އަނެއްކާވެސް ކޮވިޑުގެ ނުރައްކާ ބޮޑުވެފައެވެ.

އެންމެ ފުރަތަމަ ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޯން ވޭރިއަންޓު ހަލުވިކަމާއެކު ގައުމުތަކަށް ފެތުރެމުންދާ އިރު، މި ވޭރިއަންޓުގެ ސަބަބުން ދެކުނު އެފްރިކާއަށް ވަނީ ކޮވިޑުގެ ހަތަރުވަނަ ރާޅެއް އަރައިފައެވެ.

އިންޑިއާއިން މިހާތަނަށް އޮމިކްރޯންގެ ދެ ކޭހެއް ޔަގީންކުރެވި، މި ވޭރިއަންޓަށް ޝައްކުކުރެވޭ އިތުރު ބައެއްގެ ތަހުލީލުތައް އަންނަނީ ކުރެވެމުންނެވެ. އަދި އެގައުމުގެ ސަރުކާރުން އަންނަނީ މި ވޭރިއަންޓު އިތުރަށް ފެތުރުނަ ނުދިނުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

ނަމަވެސް ޑެލްޓާ ވޭރިއަންޓުގެ ސަބަބުން އެގައުމަށް ބިންދާލި ކޮވިޑުގެ ތިންވަނަ ރާޅާއެކު ރައްޔިތުން ތިބީ އެ ހާލަތަށް އަނެއްކާވެސް ގޮސްދާނެކަމުގެ ބިރުވެރިކަމުގައެވެ.

މިކަމާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އިންޑިއާގެ އާބާދީން ބޮޑު ބަޔަކަށް މިހާތަނަށް ވެކްސިން ދެވިފައިވާތީއާއި ގިނަ ބަޔަކަށް މީގެ ކުރިން ޑެލްޓާ ވޭރިއަންޓުގެ އަސަރުކޮށްފައިވާތީ، މި އާ ވޭރިއަންޓުގެ ނުރައްކާ މާ ބޮޑުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ޖަރުމަނުން ވަނީ އެގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނާތީ ވެކްސިން ނުޖަހާ މީހުންނާ މެދު ފިޔަވަޅުތައް އެޅުން ވަރުގަދަކޮށްފައެވެ. އެގޮތުން ވެކްސިން ނުޖަހާ މީހުންނަށް އާއްމު ތަންތަން ބޭނުންކުރުން މަނާކުރަން ނިންމާފައިވާ އިރު، އިންޑިއާގައިވެސް މިގޮތަށް އަމަލުކުރަން އުޅޭކަމުގެ އިޝާރާތެއް އެގައުމުގެ ކަރްނަޓާކާ ސަރުކާރުގެ މިނިސްޓަރަކު މިއަދު ވަނީ ދެއްވައިފައެވެ.

ކަރްނަޓާކާގެ ހަޔާ އެޑިއުކޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބަޔޯޓެކްނޮލޮޖީ، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު ޑރ. ސީއެން އަޝްވާތު ނަރަޔަން މިއަދު ވިދާޅުވިގޮތުގައި އެހެނިހެން ގައުމުތަކުން ވެކްސިން ނުޖަހާ މީހުންނާ މެދު ފިޔަވަޅުތައް އަޅަމުން އަންނަ އިރު، ކަރްނަޓާކާއިންވެސް މިފަދައިން ފިޔަވަޅު އަޅަން ޖެހިދާނެއެވެ. އެއްވެސް ގައުމަކުން މިހާތަނަށް ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ޖެހުން މަޖުބޫރު ކޮށްފައިނުވި ނަމަވެސް އެފަދަ މީހުންނަށް އާއްމު ތަންތަން ފަދަ މޯލްތަކާއި ސިނަމާތައް، ސްކޫލާއި ކިޔަވައިދޭ ތަންތަން އަދި އޮފީސްތަކަށް ވަނުން މަނާކުރަމުން އަންކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން އެފަދަ ތަންތަނުން އާއްމު ހިދުމަތް ބޭނުންކުރަން އެދޭނަމަ ވެކްސިން ޖެހުން ލާޒިމުކުރާކަން އެއީ ކަރްނަޓާކާގެ ސަރުކާރުން ވަރަށް ސާފުކޮށް ބުނަމުން އަންނަ ވާހަކައެއްކަން ފާހަގަކުރައްވައި އެފަދައިން ޗީފް މިނިސްޓަރުވެސް އެކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަމަށް ނަރަޔަން ވަނީ ވިދާޅުވެފައެވެ.