ޚަބަރު

މިދުހަތު ހަދަނީ ދޮގު، އޭނާއާ ދުވަހަކުވެސް ބައްދަލެއް ނުވޭ: އަލީ ޒާހިރު

އޭނާއާ ގުޅޭގޮތުން އަލީ މިދުހަތު (މިދޭ) ދެއްކެވި ވާހަކަތަކަކީ ދޮގެއް ކަމަށާއި އޭނާއާ ދުވަހަކުވެސް ބައްދަލުވެފައި ނުވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުން މިއަދު މިދޭ ވަނީ ވަކިކޮށްފައެވެ.

މިދޭ ޕީއެސްއެމްގެ ބޯޑުން ވަކި ކުރުމާ ގުޅިގެން އޭނާ އާއި އަލީ ޒާހިރާ ދެމެދު ދެކެވުނު ވާހަކަތަކެއް ފޭސްބުކްގައި މިދޭ ވަނީ މިއަދު ހިއްސާކޮށްފައެވެ.

އެ ޕޯސްޓުގެ ސްކްރީން ޝޮޓްތަކެއް ޓުވީޓު ކުރައްވައި އަލީ ޒާހިރު މިއަދު ވިދާޅުވީ މިދޭ ދައްކަވާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި އޭނާއާ ދުވަހަކުވެސް ބައްދަލުވެފައިނުވާ ކަމަށާއި ދުވަހަކުވެސް ފޯނުން ވާހަކަ ދައްކާފައިނުވާ ކަމަށެވެ.

"ދޮގު ހެދުމާއި ދޮގު ވާހަކަތައް ފެތުރުމުގައިވެސް ކުޅަދާނެ ބޭފުޅުން އުޅުއްވާކަން މިއަދު އެނގިއްޖެ. އަދި ތިމާގެ ގުނަވަންތައް ތިމާއާ ދެކޮޅަށް ހެކިބަސް ދޭނެ ދުވަސް އޮތްކަން ގަބޫލު ނުކުރާ މުސްލިމުން ވެސް އުޅޭކަން ފެނިއްޖެ. ދުވަހަކުވެސް ބައްދަލު ނުކުރާ، ފޯނުން ވެސް ވާހަކަ ނުދައްކާ ބޭފުޅެއް (މިދޭ) މިއީ،" އަލީ ޒާހިރު ވިދާޅުވިއެވެ.

މިދޭއާ ދުވަހަކުވެސް ފޯނުން ވާހަކަދައްކަވައި ނުވަތަ ބައްދަލުވެސް ނުވާ ކަމަށް އަލީ ޒާހިރު ވިދާޅުވެފައިވާ އިރު، މީގެ އަހަރުތަކެއް ކުރިން މިދޭ ހުށަހަޅައިދިން ސަން ޓީވީގެ "ސަން ބަހުސް"ގެ ޕްރޮގްރާމެއްގައި އަލީ ޒާހިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަލީ ޒާހިރުގެ އިތުރުން އެ ޕްރޮގްރާމުގައި މިހާރު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދޭ މިއަދު ކޮށްފައިވާ ޕޯސްޓުގައި ވަނީ މީގެ ދެ ހަފުތާ ކުރިން އަލީ ޒާހިރު އޭނާއަށް ގުޅުއްވައި ކަންތައްތަކެއް އޮޅުން ފިލުއްވި ކަމަށެވެ. އެގޮތުން ބިގަށް ފައިސާ ދިނުމަށް ޕީއެސްއެމް ބޯޑުގައި ނެގި ވޯޓާ ގުޅޭ ގޮތުންނާއި ޝަހީދުންގެ ދުވަސް ބީ ކެޓެގޮރީގައި ހިމެނުމުން އެކަމާ ނުރުހުން ފާޅުކޮށްފައިވޭތޯ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެގެވުމަށް އިމާރާތް ކުރަން ހަމަޖެހިފައިވާ 15 ބުރީގެ އިމާރާތުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އަލީ ޒާހިރު އެދިފައިވާ ކަމަށެވެ.

އޭގެ ދެ ހަފުތާ ފަހުން ރައީސް އޮފީހުން އޭނާއަށް ސިޓީއެއް ފޮނުއްވައި އޭނާ ޕީއެސްއެމް ބޯޑުން ވަކިކުރިކަން އަންގާފައިވާ ކަމަށް މިދޭ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފިޝަލަކު މީގެ ކުރިން "ވަން" އަށް ވިދާޅުވީ، ޕީއެސްއެމްގެ ބޯޑަށް ބަދަލުތަކެއް ގެންނަވަން ރައީސް ނިންމަވާފައިވާ ކަަމަށާއި އެ ބަދަލަކީ އެމަނިކުފާނަށް ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން ގެންނަވާ ބަދަލެއް ކަމަށެވެ. އެގޮތުން މިދުހަތުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ނިންމަވާފައި ވަނީ ޓީވީއެމް އަދި ވީޓީވީގެ ސީއޯއޯކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މުހައްމަދު އާސިފް (މޮންދު) ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މޮންދު "ވަން" އަށް މިއަދު ވިދާޅުވީ ސަރުކާރުގެ އެއްވެސް އިދާރާއަކުން އޭނާ ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރެއްވިކަން ނުވަތަ ކުރައްވަން އުޅުއްވާ ކަންވެސް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ.

ޓީވީއެމްގައި 23 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށްފަހު މޮންދު އެތަނުން ވަކިވެވަޑައިގަތީ 2013 ވަނަ އަހަރެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަންވެސް ކުރައްވާފައިވާ މޮންދުއަކީ ރާއްޖޭގެ އެޑިޓާސް ގިލްޑުގެ އެކްސޯ މެންބަރެކެވެ.