ޚަބަރު

އައިވީއެއްގެ ފެންވަރު ދަށްވެގެން ބޭނުން ނުކުރަން އަންގައިފި

އަލީ ޔާމިން

1

ރާއްޖޭގައި ބޭނުންކުރާ އައިވީއެއްގެ ފެންވަރާ މެދު ސުވާލު އުފެދި، އެ ވައްތަރުގެ އައިވީ ބޭނުން ނުކުރަން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ އެކޫލައިފް ހެލްތުކެއާގެ 'އާރުއެލް' އައިވީގައި ކޮލިޓީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންވެ، އެ އުފެއްދުން ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، އެ އައިވީއަކީ ރާއްޖޭގައި ބޭނުންކުރުމަށް އެ އޮތޯރިޓީން ހުއްދަ ދީފައިވާ އައިވީއެއް ނޫން ކަމަށެވެ.

އެ އުފެއްދުން ރާއްޖޭގެ އެއްވެސް ފާމަސީއެއްގައި ނުވަތަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި ހުރި ނަމަ އެ މައުލޫމާތު ހިއްސާ ކުރަން އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

އާރްއެލްގެ ނަމުގައި ނެރޭ އައިވީތަކުގެ ތެރެއިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ ފްރެސެނިއަސް ކަބީ އިންޑިއާ ޕްރައިވެޓް ލިމިޓެޑުން އުފައްދާ އައިވީ އަށެވެ. މައްސަލަ ހުރެގެން ބޭނުން ނުކުރަން އަންގާފައިވަނީ އެކޫލައިފް ހެލްތުކެއާ ކިޔާ ކުންފުންޏަކުން އުފައްދާ އައިވީގައެވެ.