މުނިފޫހިފިލުވުން

2021 ގޯތަމް އެވޯޑްސް: ބްރޭކްތުރޫ ސީރީސް އެވޯޑާއެކު "ސްކުއިޑް ގޭމް" އަށް ތާރީހީ ވަނައެއް

ނެޓްފްލިކްސްގެ މަގުބޫލު ކޮރެއަން ޑުރާމާ ސީރީސް ''ސްކުއިޑް ގޭމް'' އަށް ތާރީހީ ވަނައެއް ލިބިއްޖެއެވެ.

40 މިނިޓަށް ވުރެ ދިގު ސީރީސްތަކުގެ ތެރެއިން މިއަހަރުގެ ބްރޭކްތުރޫ ސީރީސް އެވޯޑު ''ސްކުއިޑް ގޭމް'' އަށް ލިބިފައިވާއިރު މިއީ ކޮރެއާ ޑްރާމާއަކަށް ގޯތަމް އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

އެންމެ ފާހަގަކޮށްލެވޭ ޑްރާމާ ސީރީސް ހޮވުމުގެ ގޮތުން ގޯތަމް އެވޯޑްސް އިން ވަނީ ކުރު އަދި ދިގު ސީރީސްތަކަށް ވާދަކުރެވޭ ގޮތަށް ބްރޭކްތުރޫ ސީރީސް-ޝޯޓް ފޯމެޓް އަދި ބްރޭކްތުރޫ ސީރީސް-ލޯންގް ފޯމެޓް ކެޓެގެރީތައް ކަނޑައަޅާފައެވެ. އޭގެ އިތުރުން މިއަހަރު ވަނީ ބްރޭކްތުރޫ ސީރީސްގެ ނޮންފިކްޝަން ކެޓެގަރީއެއްވެސް އަލަށް ކަނޑައަޅާފައެވެ. ސްކުއިޑް ގޭމް އަށް މި އެވޯޑު ލިބިފައިވާއިރު ބްރޭކްތުރޫ ޝޯޓް ފޯމެޓް ކެޓެގަރީން އެވޯޑު ލިބިފައިވަނީ ''ރިޒަވޭޝަން ޑޯގްސް'' އަށެވެ. ނޮންފިކްޝަން ބްރޭކްތުރޫ ސީރީސް އެވޯޑު ހާސިލުކޮށްފައިވަނީ ''ފިލީ ޑީ.އޭ'' އިންނެވެ.

31 ވަނަ ގޯތަމް އިންޑެޕެންޑެންޓް ފިލްމް އެވޯޑު ދިނުމުގެ ހަފުލާ ބާއްވާފައިވަނީ 29 ނޮވެމްބަރު 2021 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައެވެ. މި ހަފުލާގައި ސްކުއިޑް ގޭމް ގެ ތަރިން ކަމަށްވާ ލީ ޖޮން ޖޭ، ޖޮން ހު ޔޮންގެ އިތުރުން ޑައިރެކްޓަރު ހޮން ޑޮން ޔޮކް އަދި ފިލްމުގެ ޕްރޮޑަކްޝަން ކުންފުނީގެ ސީއީއޯ ކިމް ޖި ޔުން ވަނީ ބައިވެރިވެފައެވެ.

ސްކުއިޑް ގޭމްގެ އިތުރުން އެ ކެޓެގަރީން އެވޯޑަށް ވާދަކުރި ސީރީސްތަކުގެ ތެރޭގައި ''ދަ ގުޑް ލޯޑް ބާޑް'' ''އިޓްސް އަ ސިން'' ''ސްމޯލް އެކްސް'' އަދި ''ދަ އަންގްރައުންޑް ރެއިލްރޯޑް'' ގެ އިތުރުން އެޗްބީއޯގެ ''ދަ ވައިޓް ލޮޓަސް'' ހިމެނެއެވެ. އެންމެ މޮޅު އެކްޓަރެއްގެ ރޯލަށް ސްކުއިޑް ގޭމްގެ ތަރި ލީ ޖޮން ޖޭ ވާދަކޮށްފައިވާއިރު އެ އެވޯޑު ލިބިފައިވަނީ ''ދަ ގުޑް ލޯޑް ބާޑް'' އިން އީތަން ހޯކްސް އަށެވެ.

ނެޓްފްލިކްސްގެ ސްކުއިޑް ގޭމް އަކީ މިއަހަރު އެންމެ ފާހަގަ ކޮށްލެވުނު އެއް ސީރީސްއެވެ. މި ސީރީސްގެ ދެވަނަ ސީޒަނެއް ނުކުންނާނެކަން ސްކުއިޑް ގޭމްގެ ފަރާތުން ވަނީ ޔަގީންކޮށްދީފައެވެ.