ވަރުގަދަ ސެކިއުރިޓީއެއް ދިނުމަށް ނޭދޭ ކަމަށާއި ނަމަވެސް ދިރިހުރުމަށް އެދިވަޑައިގަންނަވާތީ ސަލާމަތާއި ރައްކާތެރިކަން އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި ހަ ވަނަ ދުވަހުގެރޭ ދިން ހަމަލާއަށްފަހު އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އެމަނިކުފާނަށް ދައުލަތުން ވަނީ ވަގުތީ ގެކޮޅެއްގެ ގޮތުގައި މުރައިދޫގެ ހަމަޖައްސައިދީފައެވެ. އަދި މުރައިދޫގެ ހުންނަ މަގުގެ ދެ ފަރާތުގައި ރަތް ރޮނގު ދަމައި ރެޑް ޒޯނެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން އެ ސަރަހައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުން މަނާވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ނަޝީދު މިރޭ ވިދާޅުވީ، މީހުންނާ ވަކިވެގެން އުޅުމަކީ އެއްވެސް އިރެއްގައި އެމަނިކުފާނި ބޭނުންފުޅުވާ ކަމެއް ނޫން ކަމަށާއި ވަރުގަދަ ސެކިއުރިޓީއެއް ފޯރުކޮށްދެނީ އެމަނިކުފާނުވެސް ދިރިހުރުމަށް ބޭނުންވާތީ ކަމަށެވެ.
"މަރާލަން ކަނޑައެޅިގެން މަރުގެ ތުންފަތްމައްޗަށް ގެނައީމާ އަދި ކިރިޔާ ސަލާމަތްތެރިކަން ލިބުނީ، އެއީ އަޅުގަނޑުގެ ހިތަށްވެސް އެތައް ކަމެއް ވަންނަ ކަމެއް. އަޅުގަނޑު ހަގީގަގަތުގައި މަރުވެސްވި، މާތް ރަސްކަލާނގެ އިރާދަފުޅުން މިތާނގައި މި އިނދެވެނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މާ ވަރުގަދަ ސެކިއުރިޓީއެއް ބޭނުންފުޅު ނުވާ ކަމަށާއި ނަމަވެސް ސަލާމަތާއި ރައްކާތެރިކަން ބޭނުންފުޅުވާ ކަމަށެވެ.
ނަޝީދު ވަނީ، އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިއުރިޓީގެ ސަބަބުން ބައެއް ރައްޔިތުންނަށް އުނދަގޫވާތީ، އެކަމަށް އެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު