މާލޭ ސިޓީގެ ކާނިވާ ސަރަހައްދުން އިތުރު 600 ވެހިކަލް ޕާކިން ސްލޮޓް ދޫކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ޑރ. މުއިއްޒު "ވަން" އަށް މިއަދު ވިދާޅުވީ، ކާނިވާ ސަރަހައްދުގައި ގާ އަތުރާ ނިމިފައިވާ އިރު، އިވެންޓް ބާއްވަން ހާއްސަކޮށްފައިވާ ސަރަހައްދު ހިމެނޭ ގޮތަށް ޕާކިން ސްލޮޓްތަކެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެއްވެސް ފީއަކާ ނުލައި 500 ސައިކަލު ޕާކިން ސްލޮޓާއި ކާރު ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 100 ސްލޮޓް އެތަނުން ދޫކުރާނެ ކަމަށް ވިދާޅުވިއެވެ. ކާރު ސްލޮޓްތަކުން މަހަކަށް ނަގާނީ 1500 ރުފިޔާއެވެ.

މުއިއްޒު ވިދާޅުވީ، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދޫކުރާ ސްލޮޓްތަކުގެ ތެރެއިން 50 ސްލޮޓް ހާއްސަ ކުރަން ނިންމާފައި ވަނީ ޓެކްސީ ޑްރައިވަރުންނަށް ކަމަށެވެ. އަދި އިވެންޓު ބާއްވަން ވަށައިގެން ޗެންޗޭނު ޖަހާފައިވާ ސަރަހައްދުގެ އެތެރެއިން ސްލޮޓް ދޫކުރާނީ، އިވެންޓެއް އޮންނަ ނަމަ، އެތަނުގައި ބާއްވާ ވެހިކަލް ނަގަން އެއްބަސްވާ ފަރާތްތަކަށް ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ސްލޮޓްތައް އަންނަ މަހުގެ 15 ވަނަ ދުވަހު ދޫކުރަން ފަށާ އިރު، ސްލޮޓްތައް ދޫކުރާނީ އެންމެ ފުރަތަމަ އެކަމަށް ކުރިމަތިލާ މީހުންގެ ތަރުތީބުން ކަމަށްވެސް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަނީ ކާނިވާ ސަރަހައްދުން ފައިސާ ދައްކާ ގޮތަށް، 52 ސްލޮޓެއް ދޫކޮށްފައެވެ. އެ ސްލޮޓްތަކަށް މަހަކު ދައްކަން ޖެހެނީ 3،000 ރުފިޔާއެވެ.