ކޮވިޑް-19އާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހަރަދު ކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން އަންނަނީ، ކޮވިޑް 19 އާ ގުޅިގެން އެކި މުއައްސަސާތަކުން ކުރާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓް އާންމުކުރަމުންނެވެ.
އޮޑިޓް އޮފީހުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ތައްޔާރުކޮށް، މިއަދު އާންމު ކުރި އެމްއެންޑީއެފްގެ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ފެންނަން އޮތް ގޮތުން، އެ މުއްދަތުގައި ހަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓަކީ 37 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ މުއްދަތުގައި އެމްއެންޑީއެފުން ކުރި ހަރަދުގެ ޖުމުލައަކީ 32.7 މިލިއަން ރުފިޔާއެވެ.
އެހެންކަމުން ހަރަދު ކުރުމަށް ކަނޑައެޅި ބަޖެޓުން ހަރަދު ކުރި ފައިސާ ކަނޑައި ބާކީ ވީ 4.2 މިލިއަން ރުފިޔާއެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެމްއެންޑީއެފުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ކޮވިޑާ ގުޅިގެން ސިފައިންނަށް އެލަވެންސް ދިނުމަށެވެ. އެކަމަށް ޖުމުލަ 24 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އޮޑިޓް އޮފީހުން ބުނީ، ކޮވިޑާ ގުޅިގެން އެމްއެންޑީއެފުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާރުގެ ނިޔަލަށް ކުރި ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޑިފެންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު