އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުގެ މީހުން ހައްޖަށް ނުފޮނުވިގެން، ފަހުން ފައިސާ ދައްކާގޮތަށް ހެދި އެއްބަސް ވުމުގެ ދަށުން އެމީހުން ހައްޖަށް ފޮނުވަން ދައުލަތުން ހަރަދުކުރި 6.7 މިލިޔަން ރުފިޔާ ދެއްކުމަށް އެ ކުންފުންޏާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރި ނަމަވެސް އެ މައްސަލައިގައި ކުންފުނީގެ ޑިރެކްޓަރުން ޒިންމާ އުފުލަންޖެހޭ ހާލަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

މި މައްސަލައިގައި މީގެ ކުރިން ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ އެ ކަމުގައި ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި މުސްތަފާ މުހައްމަދު ދީދީގެ އިތުރުން މަރިޔަމް ރަޝީދާ އާއި އައިމިނަތު މުހައްމަދު އަސްލަމާއި އިސްމާއީލް ސުވެއިދު ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމްގައިވާ އެބައި ބާތިލުކޮށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ދައުލަތުން ކޮށްފައިވާ ހަރަދަށް ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ ކުރުވާފައި ވަނީ ކުންފުންޏާބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ކުންފުންޏަކީ އެ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ގާނޫނީ ޝަހުސިއްޔަތެއް ކަމަށް ގާނޫނުގެ 15 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

"ކުންފުނީގެ ހައްގުތަކާއި އިލްތިޒާމުތަކަކީ ކުންފުނީގެ އަމިއްލަ އެއްޗެއް. ކުންފުނީގެ ނަމުގައި މުއާމަލާތް ކުރެވެނީ ވެސް ކުންފުންޏަށް. ދައުވާ ކުރުމުގެ ހައިސިއްޔަތުވެސް އޮންނަނީ ކުންފުނީގެ ނަމުގަ. ކުންފުނީގެ އެންމެހާ މުދަލެއް މިލްކުވެގެންވަނީ ކުންފުންޏަށް. ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދެނީވެސް ކުންފުނިން. އެކިއެކި ފަރާތްތަކާއެކު މުއާމަލާތް ކުރަނީވެސް ކުންފުނިން. ކުންފުނިން ކުރާ މުއާމަލާތްތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ދަރާ ދެރުން ތަކަކީ ކުންފުނީގެ ދަރަންޏެއް. ކުންފުނިން ކުރާ މުއާމަލާތްތަކާ ގުޅިގެން ލިބޭ ފައިދާއަކީ ކުންފުނީގެ ފައިދާ. ކުންފުނީގެ މިލްކުވެރިންނަކީ ކުންފުނީގެ ހިއްސާދާރުން ކަމަށްވިޔަސް، އަދި ކުންފުނި ކޮންޓްރޯލު ކުރަނީ ހިއްސާދާރުން ކަމަށްވިޔަސް އަދި ކުންފުނީގެ ވިޔަފާރި ރާވައި ހިންގަނީ ހިއްސާދާރުން ކަމަށްވިޔަސް އެ ހިއްސާދާރުންނަކީ ކުންފުނިން ކުރާ މުއާމަލާތްތަކުގެ ބައިވެރިންނެއްނޫން. ހިއްސާ ދާރުންނަކީ މުއާމަލާތްތަކުގެ ޒިންމާ ޒާތީގޮތުން އުފުލަންޖެހޭ ބައެއް ނޫން،" ހުކުމުގައިވެއެވެ.

އެ ގާނޫނުގެ 18 ވަަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ކުންފުންޏެއްގެ ހިއްސާދާރުން، ކުންފުނީގެ ދަރަންޏަށް ޒިންމާވާން ޖެހޭނީ އެމީހަކު ގަނެފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްނަމަ، އެ މިންވަރަކަށް ކަމަށެވެ. (ށ) ގައި ބުނެފައި ވަނީ ކުންފުންޏެއް އުވާލާނަމަ ކުންފުނީގެ ކޮންމެ މެންބަރަކުވެސް އެ ކުންފުންޏަކަށް ދޭންޖެހޭނީ އެ މެންބަރަކު ގަނެފައިވާ ހިއްސާގެ މޫނުމަތީގެ އަގުގެ ތެރެއިން ކުންފުންޏަށް ނުދީ އޮތް މިންވަރެއް އެކަންޏެވެ.

ގާނޫނުގެ 74 ވަނަ މާއްދާ ބުނާގޮތުން ނަމަ ތިން ހާލަތެއްގައި ކުންފުނީގެ ޑިރެކްޓަރުން ދަރަންޏަށް ޒިންމާ ކުރެވިދާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުންފުންޏަށް ލިބިފައިވާ ޝަހުސިއްޔަތު ގާނޫނާހިލާފު ކަމެއް ކުރުމަށް ބޭނުންކުރުމާއި މަކަރާއި ހީލަތް ހެދުމަށް ބޭނުން ކުރުމާއި ކުންފުންޏަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް ނުވަތަ ކުންފުންޏާއެކު ވިޔަފާރިކުރާ ފަރާތްތަކަށް އޮޅުވައިލުމެވެ.

ކުންފުންޏާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އާއި 18 ވަނަ މާއްދާއަށް ބަލާއިރު އެ ކުންފުންޏަކާ އެކު ކުރެވޭ މުއާމަލާތެއްގައި އެ ކުންފުނީގެ ޑީރެކްޓަރުންނާއި ހިއްސާދާރުން ފަރުދީގޮތުން ޒިންމާވުމެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ.

ފަތުހު ގްރޫޕުގެ މީހުން ހައްޖަށް ގެންދިއުމަށް ދައުލަތުން ކުރި ހަރަދު ނުދެއްކުމަކީ އެއްބަސްވުމާ ހިލާފުވުމެއް ކަމަށާއި ކުންފުނިން ފައިސާ ނުދައްކައިފިނަމަ، އަމަލުކުރަން އެއްބަސްވެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަރުދީ ހައިސިއްޔަތުން އެ ފައިސާ ދެއްކުމަށް ކަމަށެވެ. އަދި އެފައިސާ ނުދައްކައިފިނަމަ އޭނާގެ ނަމުގައި ހުރި މުދަލެއް ވިއްކައިގެން އެ ފައިސާ ހޯދުމުގެ އިހުތިޔާރު އޭނާ ދައުލަތަށް ދީފައިވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން މިއީ ދައުލަތާއި ފަތުހު ގްރޫޕާ ދެމެދު ވި އެއްބަސްވުމާ ހިލާފުވުމުގެ މައްސަލައެއް ކަމަށާއި މި މުއާމަލާތުގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، އެ ކުންފުނިން ދައުލަތުން ފައިސާ ނެގުމުގައި އޮޅުވާލުމެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެއީ ކުންފުނީގެ ގާނޫނީ ޝަހުސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އަންގައިދޭ ހެކިތަކެއް ނޫން ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

"މި މުއާމަލާތުގައި ޝާމިލު ވެފައިވަނީ ދައުލަތާއި ފަތުހު ގްރޫޕާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުސްތަފާ މުހައްމަދު ދިދީ. އެ ފައިސާ ހޯދުމަށް އެދުނީ ކުންފުނިންކަމާއި ކުންފުނިން އެއްބަސްވެފައިވާ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީވެ މުސްތަފާ ދިން ޔަގީންކަމުގެ މައްޗަށް ބިނާކޮށް ދައުލަތުން ކޮށްފައިވާ ހަރަދުތަކަކީ ފަތުހު ގްރޫޕެކޭ އެއްފަދައިން މުސްތަފާ އެކުއެކީ އަދި ވަކިވަކިން ޒިންމާ އުފުލައި ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއް ކަމަށް ދެކެން. އެހެންކަމުން ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައިވާ ފަދައިން ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަންޖެހޭ ހާލަތެއް މި މުއާމަލާތުގައި އުފަންވެފަ ނުވާކަމަށް ކަނޑައަޅަން،" ހުކުމުގައިވެއެވެ.