ޚަބަރު

ދިފާއީ ކަންކަމުގައި އިންޑިއާއާއި ރާއްޖޭގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ދެފަރާތުގެ ފައިދާއަށް: މާރިޔާ

ރިފާ ހަލީލު

ދިފާއީ ކަންކަމުގައި އިންޑިއާއާއި ރާއްޖޭގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި އިތުބާރާއި ދެފަރާތުގެ ފައިދާއަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ ދިފާއީ ކަންކަމުގައި އިންޑިއާއާއި ރާއްޖޭގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި އިތުބާރާއި ދެފަރާތުގެ ފައިދާ އާއި އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިންމު ބޭނުމުގެ މައްޗަށް ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއަން ނޭވަލް އެކެޑަމީ (އައިއެންއޭ) ފަދަ ގަދަރުވެރި، ތާރީހީ މުއައްސަސާއަކުން ލިބުނު އިލްމާއި ފަންނީ މައުލޫމާތާއި ލީޑާޝިޕުގެ ހުނަރު ބޭނުންކުރަންވާނީ، މިސަރަހައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަޒުމާއި ވިސްނުމުގައި ކަމަށެވެ.

"މިޒަމާނަކީ ދޭދޭ ގައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެގައުމުތައް ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާނެއް، ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިންމު ކަމެއް،" މާރިޔާ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައިއެންއޭ އިން ތަމްރީނު ކޮށްދީފައިވާ އެމްއެންޑީއެފް އޮފިސަރުން، މިއަދު މަތީ ރޭންކުތަކުގައި ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އައިއެންއޭއަށާއި އިންޑިޔާ ސަރުކާރަށް މާރިޔާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދައުވަތަކަށް އިންޑިއާއަށް ކުރެއްވި މިދަތުރުގައި މިނިސްޓަރު މާރިޔާ ވަނީ، އިންޑިއާގެ ނޭވީގެ ސަދަން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިން ފެސިލިޓީތައް ބައްލަވާލައްވައިފައެވެ. އަދި އިންޑިއާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާވެސް ބައްދަލުކުރައްވާފައިވެއެވެ.