ޚަބަރު

"ބީއެމްއެލް ވާއު ކިޑްސް ރަން" އަންނަ މަހުގެ 17ގައި

އައިޝަތު ނިއުޝާ

ބީއެމްއެލް ވާއު ކިޑްސް ރަން އަންނަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، އެ ބޭންކާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން" މިއަހަރުވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދުވުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެގޮތުން މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުވައިލުމަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

ބީއެމްއެލުން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ، މި ދުވުމުގައި ބައިވެރިވެވޭނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދު، ހަ އަހަރާއި އަށް އަހަރާ ދެމެދު، އަށް އަަހަރާއި ދިހަ އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން ދިހަ އަހަރާއި 13 އަހަރުގެ އުމުރުފުރާގެ ކުދިންނަށެވެ.

ބީއެމްއެލުން އިތުރަށް ބުނީ، މި ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން ހަތަރު އަހަރުން ފެށިގެން ދިހަ އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކުގައި ކަމަށެވެ. އަދި ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ދުވުމުގައިވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.