ޚަބަރު

ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް ހެޔޮ ބަދަލެއް

މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފިއެވެ.

ބޭންކުން މިއަދު ބުނީ، ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ) ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާ ގޮތަށް ވިއްކުމުގެ މައްޗަށް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެއް ކަމަށްވާ ތަވައްރުޤް އުސޫލުން ކަމަށެވެ. އަދި އެ ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ނަގުދު ފައިސާ ލިބި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ކަމަށް ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ސަރަހައްދުގެ އިސްލާމިކް ބޭންކުތަކާ އެއް ގޮތަށް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މިއީ އިސްލާމިކް ފައިނޭންސިންގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށާއި އަދި މި ހިދުމަތް މެދުވެރިކޮށް މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ބޭނުންނަމަ ފައިސާ ނެގުމުގެ އިހުތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަކީ މުސާރަ ލިބޭ ފަރާތްތަކާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް 15 ޕަސެންޓުގެ ރޭޓެއްގައި ދޫކުރާ ފައިނޭންސިން ފެސިލިޓީއެކެވެ. މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް 12 ޕަސެންޓުގެ ރޭޓެއްގައި ފައިނޭންސިން ދޫކުރެއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުގެ ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ ކަމަށެވެ.