މަސްތުވާތަކެއްޗާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބި މީހުން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުން ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމް ނުފެށި ލަސްވީ ކޮވިޑާ ގުޅިގެން ކަމަށާއި ނަމަވެސް މިހާރު އެ ޕްރޮގްރާމް ފެށުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށާނެ ކަމަށާއި ރިލެބިލިޓޭޓްކުރާނެ ފަރާތްތައް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

"ކޮވިޑުގެ ދަތިކަމާ ހުރެ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ގަބޫލުކުރަން. އަދި އެކަމަށް ލަސްވުންތަކެއް އައިސްފިކަމަށް ވެސް ގަބޫލުކުރަން. އެހެންނަމަވެސް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ދިނުމުގެ ހުރިހާ ތައްޔާރީތަކެއް ވަނީ ވެފައި،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ޓެރަރިޒަމާ ގުޅޭ ގާނޫނުގެ ދަށުން 48 މީހަކު ހައްޔަރުކޮށް 33 މީހެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި 973 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބި މީހުން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އިރު، ޖަލުތަކުގެ ރިހެބިލިޓޭޝަން ޕްރޮގްރާމު ހަރުދަނާކޮށް ގައިދީން މުޖުތަމައަށް ނުކުންނައިރު ބޭނުންތެރި ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ޖަލުގައި ރިހެބިލިޓޭޝަން ކޮމާންޑް އުފައްދައި، އެ ކޮމާންޑަށް މުވައްޒަފުން ހޯދައި ތަމްރީން ކުރަމުން އަންނަ ކަމަށް މީގެ ކުރިންވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.