ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދިފާއުކުރި އިރު، އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމު އައިޝަތު ހިމްނާ ހަސަން ދިފާއުކޮށްފިއެވެ.
އެ ދެ އެތުލީޓުންނަކީ 2019 ވަނަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ ވެސް އިންޑިވިޖުއަލް އެންމެ މޮޅު ދެ އެތުލީޓުންގެ މަގާމު ހޯދި ދެ އެތުލީޓުންނެވެ. މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ސާއިދު ހޯދީ ހަތަރު ރަން މެޑަލާއި އެއް ލޯ މެޑަލް ހޯދައިގެންނެވެ. ސާއިދު ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުގެ އިތުރުން 4 ގުނަ 400 ރިލޭ އިވެންޓުންނެވެ. ސާއިދަށް ލޯ މެޑަލް ލިބުނީ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިންނެވެ.
ހިމްނާ ވަނީ މިފަހަރުގެ ގައުމީ މުބާރާތުގައި 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. ހިމްނާ ވާދަކުރާ ކްލަބް ރާވެރިޔާ ވަނީ ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ އިން ރިހި މެޑަލް ހޯދައިފައެވެ. ހިމްނާ 2019 ވަނަ އަހަރު އެ މަގާމު ހޯދި އިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ. އޭގެ ދެ އަހަރު ފަހުން އޭނާ މަގާމު ދިފާއު ކޮށްފައިވާ އިރު، މިހާރު ރާއްޖޭގެ ގިނަ ރެކޯޑުތަކެއްވެސް ހިމްނާ އަތުގައި އެބައޮތެވެ.
2016 ވަނަ އަހަރު ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދައި، ރާއްޖޭގެ އެތުލެޓިކްސްގައި ހަސަން ޝައްމޫން ވަނީ ތާރީހު ލިޔެލައިފައެވެ. އޭނާއަކީ މިހާތަނަށް ގައުމީ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ފުރަތަމަ އަދި ހަމައެކަނި ފީލްޑް އެތުލީޓެވެ. މިއަދުގެ މުބާރާތުގައި ޝައްމޫން ވަނީ ފުރަތަމަ ދުވަހު ބޭއްވި ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުމުގެ އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. އޭގެ ފަހުން ފިރިހެނުންގެ ޑިސްކަސް އިވެންޓުން ރަން މެޑަލް ހޯދައި އޭނާ ނިންމާލީ 2016 ވަނަ އަހަރުގެ ރެކޯޑާ ހަމަކޮށްފައެވެ.
އިންޓަނޭޝަނަލް މެރަތަންތަކުގައި ވާދަކޮށް ފިޔަޖަހަމުން އައި މުހައްމަދު ރަޝީދު (މޯޑު) މިފަހަރުގެ ގައުމީ މުބާރާތުގައި ވަނީ 10،000 މީޓަރާއި 5،000 މީޓަރުން ރަން މެޑަލް ހޯދައިފައެވެ. 1500 މީޓަރުގެ ދުވުމުން މޯޑަށް ލިބުނީ ރިހި މެޑަލްއެކެވެ. އެ އިވެންޓުގެ ރަން މެޑަލް ހޯދީ ހުސައިން ރިޒާ (ކުޑަރިޒާ) އެވެ.
މިއީ ކުޑަރިޒާއަށް ވެސް ކާމިޔާބު މުބާރާތެކެވެ. އޭނާ ވަނީ ތިން ރަން މެޑަލާއި އެއް ލޯ މެޑަލް ހާސިލުކޮށްފައެވެ. ރަން މެޑަލް ހޯދީ 800 އާއި 1500 މީޓަރު ދުވުމުގެ އިތުރުން 4 ގުނަ 400 މީޓަރުން ސިފައިންގެ ޓީމާ އެކުއެވެ. ހަތަރެއް ގުނަ 100 މީޓަރުން ލިބުނީ ރިހި މެޑެއްޔެކެވެ.
މިފަަހަރުގެ ގައުމީ މުބާރާތުގައި ހިމްނާ ނެގުމަށްފަހު، ދެން އެންމެ ފާހަގަކޮށްލެވުނު އަންހެން އެތުލީޓަކީ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ޖާއިޝާ ވަނީ މިފަހަރުގެ މުބާރާތުގައި ތިން ރަން މެޑަލް ހޯދައިފައެވެ.
ޖާއިޝާ 800 މީޓަރުގެ ދުވުމުގެ މެޑަލް ދިފާއުކުރީ ދެ މިނެޓް 30.95 ސިކުންތުން ރޭސް ނިންމައިގެންނެވެ. 5000 މީޓަރުގެ ދުވުމުގައި ޖާއިޝާ ވަނީ ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ފަހަތަށް ޖައްސާލައިފައެވެ. ޖާއިޝާ ރޭސް ނިންމީ 21 މިނެޓް 22.61 ސިކުންތުންނެވެ. މަރީގެ ޓައިމިން އަކީ 21 މިނިޓް 30.71 ސިކުންތެވެ.
އޭގެ އިތުރުން އިއްޔެ ޖާއިޝާ ތިންވަނަ ރަން މެޑަލް ހޯދީ 1500 މީޓަރުގެ ދުވުން ކާމިޔާބުކޮށްގެންނެވެ. ޖާއިޝާ އެ އިވެންޓް ފުރިހަަމަކުރީ ފަސް މިނެޓް 10.67 ސިކުންތުންނެވެ. ދެވަނައަށް ދިޔަ މަރީގެ ޓައިމިން އަކީ ފަސް މިނެޓް 27.29 ސިކުންތުންނެވެ.
އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން ޓީމަކީ ދިވެހި ސިފައިންގެ ކްލަބެވެ. މިއީ އެ ކްލަބުން ޖެހިޖެހިގެން އެ މަގާމު ހޯދި 16 ވަނަ ފަހަރެވެ. އަންހެން އެންމެ މޮޅު ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.