ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް-ޝަބާބް އާ ދެކޮޅަށް ހަބަރުތައް ގެނެސްދެމުންދިޔަ ނޫސްވެރިޔަކު މަަރާލައިފިއެވެ. މި ނޫސްވެރިޔާ މަރާލާފައިވަނީ ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައެވެ.
އަލް-ޝަބާބްގެ ހަނގުރާމަވެރިޔަކު ޖާނުން ފިދާވެގެން ދިން ހަމަލާގައި މަރާލާފައިވަނީ ރޭޑިއޯ މޮގަދިޝޫގެ ޑައިރެކްޓަރު އަބްދިއާޒިޒް މުހައްމަދު ގުލޭދު އަދި ގިނަ މީހުން ދަންނަ ގޮތުން ނަމަ އަބްދިއާޒިޒް އަފްރީކާ އެވެ. މި ހަމަލާގައި ސޮމާލިއާގެ ގައުމީ ޓީވީގެ ޑިރެކްޓަރުގެ އިތުރުން ޑްރައިވަރަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެސް ވެފައެވެ. އަބްދިއާޒިޒް އަށް އަމާޒުކޮށް ހަމަލާދީފައިވަނީ ރެސްޓޯރަންޓަކުން ނުކުތް ވަގުތުއެވެ.
ސޮމާލިއާގެ ޑެޕިއުޓީ އިންފޮމޭޝަން މިނިސްޓަރު އަބްދުއްރަހްމާން ޔޫސުފް އުމަރު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ގެއްލިގެން އެ ދިޔައީ އަގުހުރި ކެރޭ ބަތަލެއް ކަމަށެވެ. ސަރުކާރުގެ އޮފިޝަލުން އޭއެފްޕީ އަށް ޔަގީންކޮށްދީފައިވާ ގޮތުގައި ހަމަލާދީފައިވަނީ ޖާނުން ފިދާވެގެންނެވެ. އަބްދިއާޒިޒް ރެސްޓޯރަންޓުން އިތުރު މީހަކާއެކު ނުކުމެ ކާރަށް ވަތް ވަގުތު، މީހަކު ދުވެފައި ގޮސް ހަމަލާދީފައިވަނީ ޖާނުން ފިދާވެ ބޮން ގޮއްވާލައިގެން ކަމުގައި މަންޒަރު ދުށް މީހުން ބުނެއެވެ.
ސަރުކާރާ ދެކޮޅަށް ހަމަލާތައް އަމާޒުކުރަމުންދާ ހަނގުރާމަވެރި ޖަމާއަތް އަލް-ޝަބާބް އިން ވަނީ މި ހަމަލާގެ ޒިންމާ އުފުލައިފައެވެ. އަބްދިއާޒިޒް އަކީ އަލް-ޝަބާބް އާ ދެކޮޅަށް ރިޕޯޓުތައް ގެނެސްދެމުންދިޔަ ޖެހިލުން ކުޑަ ނޫސްވެރިއެކެވެ. އޭނާ އެންމެ ފާހަގަކޮށްލެވެނީ ސޮމާލިއާގެ ސަރުކާރުން ހިފައި ހައްޔަރުކުރި އަލް-ޝަބާބުގެ ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ މީހުންގެ އިންޓަވިއުތައް ހިމެނޭ ޕުރޮގްރާމުތައް ހުށަހަޅައިދީގެންނެވެ. މި ޕްރޮގުރާމުތަކަށް ވަނީ އެގައުމުންނާއި ގައުމުގެ ބޭރުން ބޮޑު މަގުބޫލުކަމެއް ހޯދަމުން އައިސްފައެވެ.
އަލް-ޝަބާބްގެ އަސްކަރީ އޮޕަރޭޝަނުގެ ތަރުޖަމާނު އަބްދިއާޒިޒް އަބޫ މުސްއަބް ރޮއިޓާސް އަށް ފޯނުން ގުޅައި މައުލޫމާތުދިން ގޮތުގައި އެ ޖަމާއަތުގެ މުޖާހިދީން އަބްދިއާޒިޒްއަށް ފާރަލަމުން އައިސްފައިވަނީ އޭނާ އަކީ އިސްލާމްދީނާ ހިލާފު އެތައް ޖަރީމާއެއް ހިންގާފައިވާ މީހަކަށް ވާތީއާއި އެ ޖަމާއަތުގެ ގިނަ މުޖާހިދުން ޝަހީދުކޮށްލުމުގެ ފަހަތުގައި އަބްދިއާޒިޒް ހިމެނޭތީ ކަމަށް ބުނެފައެވެ.