ލައިފް ސްޓައިލް

ލޯބިވެރިޔާ ވާހަކަ ނުދެއްކުމުން އަންހެން ކުއްޖާ ދިޔައީ ފުލުހަށް، ފުލުހުން މައްސަލަ ހައްލުކޮށްދިން ގޮތް މާ މޮޅު!

ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. މިފަހަރު ލޯބީގައި އާވާރާވެފައިވާ އަންހެނަކު މިވަނީ ލޯބިވެރިޔާއާ ޖެހުނު މައްސަލައިގައި ހައްލު ހޯދުމަށް ފުލުހުންގެ އެހީތެރިކަން ހޯދައިފައެވެ.

އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޗިންދުވާރާގައި ދިރިއުޅެމުން އަންނަ އަންހެނަކު ފުލުހުންގެ އެހީތެރިކަމަށް އެދުނީ ސަރާނީގައި ދިރިއުޅެމުން ދިޔަ ލޯބިވެރިޔާއާ ޖެހުނު މައްސަލަ ހައްލު ނުކުރެވޭ ހިސާބަށް ދިއުމުންނެވެ.

މައްސަލަ ޖެހެން މެދުވެރިވި ސަބަބަކީ ލޯބިވެރިޔާގެ އުފަންދުވަހުގެ ތަހުނިޔާ އޭނާއަށް ކިޔުމަށް އަންހެން މީހާގެ ހަނދާނުން ކައްސާލުމެވެ. އޭގެ ސަބަބުން ދެމީހުންގެ މެދުގައި ޖެހުނު މައްސަލަގަނޑު ބޮޑުވެ ފިރިހެން މީހާ ވަނީ ވާހަކަ ދެއްކުން ހުއްޓާލާފައެވެ.

ލޯބިވެރިޔާއާ ވާހަކަ ދައްކަން އަންހެން މީހާ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެފަހުން ގޮތް ހުސްވެ މި އަންހެން މީހާ ވަނީ ފުލުހުންގެ މަދަދަށް އެދިފައެވެ. ފުލުހުން މިމައްސަލައިގެ ތެރެއަށް ވަދެ ދެމީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ދެމީހުންނަށް ''ކައުންސިލިން'' ދީފައެވެ.

އެންމެފަހުން ދެމީހުންގެ މެދުގައި ވާހަކަ ދެކެވި މައްސަލަ ހައްލުކުރެވިފައިވާއިރު ދެމީހުން ވީއެންމެ އަވަހަކަށް ކައިވެނި ކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި މި ބަސް ގަބޫލުކޮށް ދެމީހުންގެ އާއިލާއިން ވަނީ މި ދެމީހުންގެ ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސް ކައިވެނި ކުރުވައިފައެވެ. ލޯބީގެ މައްސަލަތައް ހައްލުކޮށްދިނުމަކީ ފުލުހުންގެ ޒިއްމާގެ ތެރޭގައި ހިމެނޭކަމެއް ނޫން ނަމަވެސް މިފަހަރު މިވަނީ ފުލުހުން މެދުވެރިއަކަށް ވެ މި ދެ ލޯބިވެރިން ގުޅުވައިދީފައެވެ.