އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީން ހޯދި މޮޅާއެކު، އެޓީމުން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާ ކޮށްފިއެވެ.

ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޗެލްސީން ފަސޭހަކަމާއެކު ހަމަލާތައް އުފައްދައި، ލެސްޓާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ އިރު، މޮޅާއެކު އެޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑެއްގައެވެ. މިހާތަނަށް ޗެލްސީން ލީގުގައި ކުޅުނު 12 މެޗުން އެޓީމަށް 29 ޕޮއިންޓް ލިބިފައިވާ އިރު، ލީގުގައި ޗެލްސީ ބަލިވީ އެންމެ މެޗަކުންނެވެ.

ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 11 މެޗުން 23 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ވެސްޓް ހަމްއަށްވެސް 11 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ. މިއަދުގެ މެޗަކީ އިންޓަނޭޝަނަލް ބްރޭކަށްފަހު ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ދެވަނައިގައި އޮތް ސިޓީން މި ހަފުތާ ކުޅޭނީ އެވަޓަންއާ ދެކޮޅަށެވެ. ވެސްޓް ހަމް މިރޭ ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.

މެޗުގެ ފުރަތަމަ 15 މިނެޓުގައިވެސް ފެނުނީ ޗެލްސީގެ ނުރައްކަލެވެ. ޗެލްސީން މެޗު ފުރަތަމަ ހާފު ވަރަށް ބޮޑަށް ޑޮމިނޭޓް ކޮށްގެން ކުޅުނު އިރު، ލެސްޓާއަށް އެއްވެސް ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. ޗެލްސީގެ ބެން ޗިލްވެލް މެޗުގެ ކުރީކޮޅުގައި ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، އެޓީމުން ވަނީ 14 ވަނަ މިނެޓުގައި ގޯލު ޖަހައިފައެވެ. ޗެލްސީއަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ރުޑިގާއެވެ.

ހާފު ނިމުމުގެ ކުރިން ކަންޓޭ ޖެހި ގޯލަކާއެކު ޗެލްސީން ލީޑު ފުޅާކުރިއެވެ. މެދުތެރެއިން ލެސްޓާގެ ދެ ކުޅުންތެރިން ނައްޓާލައިފައި އޭރިއާ ބޭރުން ކަންޓޭ ޖެހި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. ކަންޓޭއަށް ފުރަތަމަ ހާފުގައި އިތުރު ފުރުސަތެއް ލިބި ފޮނުވާލި ހަމަލާ މަތަކުރީ ލެސްޓާ ގޯލްކީޕަރު ޕީޓާ ޝޫމައިކަލްއެވެ.

ދެވަނަ ހާފަށް ނުކުމެ ލެސްޓާއިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރިއެވެ. ހާއްސަކޮށް ޖޭމްސް މެޑިސަން ކުޅުމަށް ނުކުތުމާއެކު އޭނާގެ ދެ ހަމަލާއެއް ފާހަގަވިއެވެ. އެ ދެހަމަލާވެސް މަތަކުރީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީއެވެ. އޭގެ އިތުރުން މެންޑީ ވަނީ އޭރިއާ ބޭރުން އަމާޓީ ފޮނުވާލި ބާރު ހަމަލާވެސް ޕަންޗުކޮށް ބޭރު ކޮށްލައިފައެވެ.

ލެސްޓާއިން ކުޑަ ވަގުތު ކޮޅަކަށް ނުރައްކާ ކުރި ނަމަވެސް ޗެލްސީގެ ނުރައްކާ ދެވަނަ ހާފުގައިވެސް ފެނުނީ މާ ބޮޑުކޮށެވެ. ޗިލްވެލްގެ ބާރު ދެ ހަމަލާއެއް ޝޫމައިކަލް މަތަކުރި އިރު، ޗެލްސީން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި މެޗަށް ނުކުތް ހަކީމް ޒިޔެޗްގެ ޕާހަކުން ތިންވަނަ ގޯލު ޖެހީ ކްރިސްޓިއަން ޕުލިސިޗެވެ. އެ ގޯލަށްފަހުވެސް ޗެލްސީން ތިން ފަހަރަށް ބޯޅަ ގޯލު ތެރެއަށް ވައްދާލި ނަމަވެސް އެ ތިން ފަހަރުވެސް ލައިންސްމަން އޮތީ އޮފްސައިޑު ދިދަ ނަގައިފައެވެ.