މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާއަކީ ނަމޫނާ ކުޅުންތެރިއެއް ކަމަށާއި، ފާޑު ކިޔުންތަކަކީ ތެދެއް ނޫންކަން އޭނާ ސާބިތު ކޮށްދޭނެ ކަމަށް ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނެފިއެވެ.

ޔުނައިޓެޑުން އެންމެފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އޭގެ ތެރެއިންވެސް އޮކްޓޯބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅެ، 5-0 އިން ބަލިވި މެޗު ފާހަގަކޮށްލެވޭ އިރު، އެ ނަތީޖާތަކަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔުންތައް އަމާޒުކުރަމުންނެވެ. ހާއްސަކޮށް ގިނަ ބަޔަކު އެންމެ ބޮޑަށް ފާޑު ކިޔަމުން އަންނަނީ ކެޕްޓަން މެގުއާއަށެވެ. އަނިޔާއެއްގައި ހުރުމަށްފަހު އެނބުރި އައިސް، މެގުއާ ކުޅުނު މެޗުތަކުގައި އޭނާގެ ފަރާތުން ބޮޑެތި ގޯސްތައް ފެނިގެންދާ އިރު، އެކަމަށް ލެޖެންޑަރީ ކުޅުންތެރިންވެސް އަންނަނީ ފާޑު ކިޔަމުންނެވެ.

"މެގުއާއަކީ ފިލައި އޮވެ، ފާޑު ކިޔުންތަކަށް ފުރަގަސް ދީ، އަނިޔާއަކީ އެކްސްކިއުޒަކަށް ހަދައިގެން މަސައްކަތް ކުރާނެ ކަހަލަ ކުޅުންތެރިއެއް ނޫން. މެގުއާ ރައްދު ދޭނެ،" ޔުނައިޓެޑުން ވޮޓްފޯޑާ ދެކޮޅަށް މިރޭ ކުޅެން އޮތް މެޗުގެ ކުރިން ވާހަކަ ދައްކަމުން ސޮލްޝެއާ ބުންޏެވެ.

ގައުމީ ޓީމުގެ މެޗުތަކަށް ބްރޭކެއް ނެގުމަށް ފަހު ޕްރިމިއާ ލީގު މެޗުތައް ފަށާނީ މިއަދު ހަވީރުއެވެ. ގައުމީ ޓީމާއެކު މިިދިޔަ ހަފުތާ ތެރޭގައި މެގުއާ ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ ގޯލު ޖަހައިފައެވެ. މެގުއާ ގޯލްތައް ޖެހީ އަލްބޭނިއާގެ އިތުރުން ސަން މެރީނޯއާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗުތަކުގައެވެ. އިންގްލެންޑާ އަޅަައިބަލާ އިރު، ފުޓުބޯޅައިގެ ފެންވަރު މާ ބޮޑަށްވެސް ދަށް ގައުމުތައް ކޮޅަށް ގޯލް ޖެހުމަށްފަހު މެގުއާ އެ މެޗުތަކުގައި އުފާފާޅުކުރުމުން އެކަމަށްވެސް ބައެއް ޕަންޑިތުން ވަނީ ފާޑު ކިޔައެވެ.

އަލްބޭނިއާ ދެކޮޅަށް ގޯލު ޖެހުމަށްފަހު މެގުއާ އުފާ ފާޅުކުރީ ދަނޑުމަތީގައި ސްލައިޑުކޮށްލައި، ދެ ކަންފަތާ ދިމާލަށް އަތް ނަގައިގެންނެވެ. ބެލެވޭ ގޮތުގައި އޭނާ ދޭން ބޭނުންވި މެސެޖަކީ ފާޑު ކިޔުންތެރިންނަށް ދޭން ބޭނުންވި މެސެޖެކެވެ. އެ ސެލެބްރޭޝަން އާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ލެޖެންޑް ރޯއީ ކީން ވަނީ ވަރަށް ބޮޑަށް ނުރުހުން ވެ، އެއީ ބޮޑު ލަދެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

"މެގުއާއަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. ކޯޗަށް ޓަކައި، ކޯޗުގެ ޕްލޭން ތަންފީޒު ކުރުމަށް މެގުއާ އަބަދުވެސް މަސައްކަތް ކުރާނެ. އަހަންނެއް މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލާކަން ނުވިސްނަން. އެއީ ޓީމުގެ ލީޑަރު. މިބުނާ އެކްސްޕާޓުންގެ ނަޒަރު ތަފާތަކަސް އެއީ އަހަރެން ބަލަން ޖެހޭ ކަމެއް ނޫން. ޔުނައިޓެޑް ކުޅުންތެރިއެއްގެ ހުރިހާ ސިފައެއް މެގުއާގެ ގައިގައި ހުންނާނެ. ޓީމަށް ޓަކައި މެގުއާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރުވާނެ. ފާޑު ކިޔުންތެރިންގެ އަނގަ ބަންދުކޮށްލާނެ،" މެގުއާގެ ދިފާއުގައި ސޮލްޝެއާ އިތުރަށް ބުނެފައިވެއެވެ.