ޚަބަރު

"ވަޑައިގަންނަވާށޭ، ކުލާހަށް އަސާސީ"، ވަކިވެ އެދިޔައީ ދިވެހި ގައުމުގެ ރަން އަޑު

އަސާސީ ތައުލީމުގެ ޕޮރުގުރާމު ކާމިޔާބު ވުމުގައި ހޮޅުދޫ ޢަބްދު ﷲ ޙަސަން ކިޔައިފައި ވާ "ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ" މި ލަވައިގެ ހިއްސާ ވަރަށް ބޮޑުކަން އެއީ ހަގީގަތެކެވެ. "ދަންނާށޭ ތާނަ މި ކިޔައިދޭ އަކުރު" ފަދަ ތައުލީމުގެ މުހިއްމުކަން ބަޔާން ކޮށްދިނުމަށާއި، މި ނޫނަސް ދިވެހީންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑުން ގެނެސް ދިން ގިނަ ލަވަތަކަކީ ހަމަ ޢަބްދު ﷲ ޙަސަންގެ ލަވަތަކެވެ. "މަދަޙަ ސަނާޔާ ދުޢާ"ގެ ބައިން ވެސް އެންމެ ގިނައިން އިވޭ އަޑަކީ ޢަބްދު ﷲ ޙަސަންގެ އަޑެވެ.

ރޯދަ މަހުގެ ދުވަސްތަކުގައި އިވޭ "މަހު މިރޯދައިގެ" ފަދަ ލަވަތައް ވެސް ހުށަހަޅައިދީފައި ވަނީ ޢަބްދު ﷲ ޙަސަންގެ އަޑުންނެވެ. އެއީ ދިވެހިރާއްޖޭގެ ރަން އަޑު ކަމުގައި ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ޢަބްދު ﷲ ޙަސަން ކިޔައިފައިވާ ގައުމީ ލަވަތަކަކީ ފާހަގަ ކޮށްލެވޭ ފަދަ ލަވަތަކެކެވެ.

މި ކުޅަދާނަ ލަވަކިޔުންތެރިޔާ ޢަބްދު ﷲ ޙަސަން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 ޖަނަވަރީ 1938 ގައި ނ. ހޮޅުދޫގައެވެ. ހޮޅުދޫ ކެޔޮޅު މޫސާގެ ޙަސަން ކަލޭގެފާނާއި ހޮޅުދޫ ފާޠިމަތު މޫސާއަށް ލިބިލެއްވި ޢަބްދު ﷲ ޙަސަން މާލެ ވަޑައިގަތީ މުޙައްމަދު އަމީންގެ ދުވަސްވަރުގައެވެ.

އޭރު ދިވެހީންގެ ސަގާފަތުގައި ކޮންމެ އަހަރަކު ކިޔާ މާލޫދުތަކުގައި ހޮޅުދޫ ޢަބްދު ﷲ ޙަސަންގެ އަޑުން ކިޔާ މާލޫދު ޅެންތަކުން މަޝްހޫރު ވެގެން ދިޔަ ޢަބްދު ﷲ ޙަސަން ނުދަންނަ މީހަކު މާލޭގައި ނުހުންނާނެއެވެ. 1950 ގެ އަހަރުތަކުން ފެށިގެން ގައުމީ ލަވަޔާއި މަދަޙަ ކިޔުމުގެ ރޮނގުން ވެސް ޢަބްދު ﷲ ޙަސަން ވަނީ ދިވެހީންގެ ތެރޭގައި މަގުބޫލުކަން ހޯއްދަވައިފައެވެ. 1970 ގެ އަހަރުތަކުގައި އެންމެ މަގުބޫލު ލަވަކިޔުންތެރިޔަކީ ޢަބްދު ﷲ ޙަސަނެވެ. ނަތީޖާއެއްގެ ގޮތުން 1981 ވަނަ އަހަރު އޭނާއަށް ވަނީ ލަވަ ކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ގާތްގަނޑަކަށް ތިންހާހާ ގާތްކުރާ ޢަދަދަކަށް ލަވަ ވިދާޅުވެފައިވާ ހޮޅުދޫ ޢަބްދު ﷲ ގެ އެންމެ ފާހަގަކޮށްލެވޭ އަދި ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި އެއް ލަވައަކީ "އޯ ވަޒަން" އެވެ. ލަވައިގެ ޅެންވެރިކަމަށް ބެލިޔަސް ބަސްތައް އަމުނާލާފައިވަނީ ސާދާގޮތަކަށެވެ. މި ލަވައަކީ ޚުދު ޢަބްދު ﷲ ޙަސަނަށް ވެސް ވަރަށް ހާއްސަ ލަވައެކެވެ. އެހެނީ މި ލަވައިގެ ޅެން ހަދާފައިވަނީ ހޮޅުދޫ ޢަބްދު ﷲ ގެ އަނބިކަނބަލުން މއ. މާގަސްދޮށުގޭ އައިޝަތު އަނީސެވެ. ރާއްޖޭގެ ހިތްގައިމުކަމާއި ގުދުރަތީ މުއްސަނދިކަން މި ލަވައިގައި ސިފަކޮށްދީފައިވާލެއް ނުހަނު ފުރިހަމައެވެ.

"ގައުމަށް އައި މިނިވަން ނޫރާނީ" ފަދަ "ވަޠަން އެދޭ ގޮތަށް ދަމާހެ" ފަދަ ލަވަތަކުން ޢަބްދު ﷲ ޙަސަންގެ ހަނދާންތައް އަބަދުމެ އަބަދުމެ ދިވެހީންގެ ތެރޭގައި އާވެއާވެ ހުންނާނެއެވެ.

މިއަދު (19 ނޮވެމްބަރު) ގައި ޢަބްދު ﷲ ޙަސަން އަވަހާރަވީ އުމުރުފުޅުން 83 އަހަރުފުޅުގައެވެ. ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ބަލި ތަންމަތީގައި އާލާސްކަންފުޅާ އޮންނެވުމަށް ފަހުއެވެ.