އިސްލާމީ ވަހުދަތާއި އީމާންކަމުގެ އުހުއްވަތްތެރިކަން ގާއިމު ކުރެވޭނީ އަމިއްލަ މަސްލަހަތުތަކާއި ދުންޔަވީ މަންފާތަކަށްވުރެ އުއްމަތުގެ މަސްލަހަތުތައް އިސްކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމީ އުއްމަތާ މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދިއުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުން ކަމަށެވެ. ދެވަނަ ކަމަކީ މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހެދުމަށް ހިތްތަކުގައި އޯގާވެރިކަމާއި ކުލުނުވެރިކަމާއި ހިތްހެޔޮކަމުގެ ޝުއޫރުތަކުގެ އޮށް އިންދައި، އެއަށް ފެންދީ ހައްދައި ބޮޑުކުރުމަށް މަސައްކަތް ކުރުން ކަމަށާއި އެކަމާ އަރައިރުން ވެދާނެ ކޮންމެ ކަމަކާ ދުރުހެލިވުން ކަމަށް ބުންޏެވެ.

ދަރީންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމާއި އެ ދީން ގެނެސްދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި ވަހުދަތު ދަރީންނަަށް ދަސްކޮށްދީ އެ ގޮތުގެ މަތީން އެކުދިން ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންނާއި އެދުރުންގެ މަސްއޫލިއްޔަތެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށްވެސް ގޮވާލައިފައެވެ. އަދި އިސްލާމީ ވަހުދަތާއި އީމާންކަމުގެ އުހުއްވަތްތެރިކަން ގާއިމު ކުރެވޭނީ އަމިއްލަ މަސްލަހަތުތަކާއި ދުންޔަވީ މަންފާތަކަށްވުރެ އުއްމަތުގެ މަސްލަހަތުތައް އިސްކުރެވިގެން ކަމަށް ބުންޏެވެ.

އިސްލާމީ ވަހުދަތަކީ ވަކި ސަގާފަތަކާއި ނުވަތަ ވަކި ގައުމަކާ ނުވަތަ ވަކި ފަންތިއަކާ ނުވަތަ ވަކި ޖިންސަކާ ދެކޮޅަށް މުސްލިމުން އުފުލާ ޝިއާރެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެއީ އެއްވެސް މުޖުތަމައަކަށް ނުރައްކަލެއް އޮތް ކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް އެއީ ހެޔޮ ކަންތައްތަކަށް އަމުރުކުރުމަށާއި ނުބައި ކަންތައްތައް މަނާކުރުމުގެ ތަރަަހައިގެ ތެރޭގައި އޮތް ކަމެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އިސްލާމް ދީން ގޮވާލަނީ އެއްބައިވަންތަކަމަށާއި އެއްގަލަކަށް އެރުމަށާއި އެކަތިގަނޑަކަށް ވުމަށާއި ބައިބައި ނުވުމަށާއި އެކަކު އަނެކަކު ދެކެ ރުޅިނައިސް އެއްބަނޑު އެއްބަފައި ބައެއްގެ ގޮތުގައި އުއްމަތް ބިނާކުރުމަށްޓަކައި އަތުގުޅައިލުމަށް ކަމަށެވެ.