ރާއްޖެ ދުށް އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވެއްޖެއެވެ.

"ގައުމީ ގުރާ"ގެ ނަމުން މަޝްހޫރު، ހޮޅުދޫ އަބްދުﷲ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އޮންނެވުމަށްފަހު މިއަދު އައިޖީއެމްއެޗުގައެވެ.

https://www.youtube.com/watch?v=DdF6lSlD6Ds
https://www.youtube.com/watch?v=nnZ8mIEnJ9s

ލަވަ ކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ހޮޅުދޫ އަބްދުﷲ ކިޔުއްވާފައިވާ ލަވަތަކުގެ ތެރޭގައި މަދަހަ އާއި މައުލޫދު ޅެމާއި ގައުމީ އެކިއެކި މުނާސަބަތުތަކަށް ހަދާފައިވާ ލަވަތައް ހިމެނެއެވެ. މީގެ އިތުރަށް އަސާސީ މަޝްރޫއުގެ ދަށުން ރާއްޖޭގައި ކިޔަމުންދިޔަ ލަވަތައްވެސް އޭނާ ކިޔުއްވާފައިވެއެވެ.

https://www.youtube.com/watch?v=FRYpcMQJ_iM
https://www.youtube.com/watch?v=trzlqn81pyk

ހާއްސަކޮށް ރައީސް މައުމޫން އަބްދުﷲ ގައްޔޫމުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ އަސާސީ ތައުލީމުގެ ޕްރޮގްރާމުގައި އުޅުނު ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން ކިޔުއްވި "ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ" ފާހަގަކޮށްލެވެއެވެ. ކިޔުއްވި މަދަހަތަކުގެ ތެރެއިން "ނެތުމުގެ ތެރެއިން މި އާލަމް" އަދި ""ނަފްސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް" އަކީ ފާހަގަކޮށްލެވޭ ދެ މަދަހައެވެ.

https://www.youtube.com/watch?v=bh8K2EIDN4o

ނަމަވެސް އޭނާ އެންމެ މަޝްހޫރު ގައުމީ ލަވަތައް ވިދާޅުވުމުގައެވެ. އޭގެ ތެރެއިން ބައެއް ލަވަތަކުގެ ތެރޭގައި "ގައުމަށް އައި މިނިވަން ނޫރާނީ"، "ޖޯޝޭ ގެނައި މީ ގައުމީ އުފާ"، "އޯ ވަޒަން" އަދި "ވަތަން އެދޭ ގޮތަށް" ހިމެނެއެވެ. އެހެން ބައެއް ލަވަތަކުގެ ތެރޭގައި "ރީތި ހަނދެކޭ ނުބުނެވޭނެހޭ"، އޭ މަގޭ މަގޭ ކުޅޭ އަހޭ މީ،" "ދޮންބޭ ތެދުވޭ" ފާހަގަކޮށްލަން ޖެހެއެވެ.