ރަހީނުކޮށް އަނިޔާކުރުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނު ސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ ޒަތީކަމެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، ރަހީނުކުރި ސިފައިންގެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:55 ހާއިރު ކަމަށެވެ.
މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި، ފައިސާ ހޯދުމަށް އެ މީހާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރިން ދަނިކޮށް ކަމަށާއި ފައިސާ ނުދިނުމުން އަނިޔާކޮށް ރަހީނުކުރި ކަމަށާއި އިރު އަރަންދެން އެގޮތަށް އަނިޔާކުރި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭ ކަމަށެވެ.
ފުލުހުން ބުނީ އެކަން ހިނގާފައިވަނީ ސިފައިންގެ މީހާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަށާއި ސިފައިންގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސިފައިންގެ މީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އަދި އެމީހާގެ ބުރަކަށްޓާއި މޫނުގައި ގިނަ ޒަހަމްތަކެއް ހުރިކަން އެނގިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެމްއެންޑީއެފުން މިއަދު ބުނީ މާލޭ މަގުމަތިން ރޭގެ ވަގުތެއްގައި ސިފައިންގެ މީހަކު ރަހީނުކޮށް އަނިކުރި އަމަލަކީ ވަރަށް ފިނޑި، ދަށުދަރަޖައިގެ އަމަލެއް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި ސިފައިންނަށް އަމާޒުކޮށްގެން ދޭ މިފަދަ ފިނޑި ހަމަލާއަކުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް ލޮޅުމެއް ނާރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު